ވަގު ކޭޝް ކާޑު ހެއްދުމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކުރާ މީހާ ކޯޓުން ދޫކޮށްލައިފި

ވަގު ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު ހައްދައިގެން ވައްކަންކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ގްރޫޕުގެ އިސްކޮށް ހުރި މއ. ކަނޑޫގޭ އަލީ އަހުމަދު، ،28 ދޫކޮށްލައިފި އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އައުމާއެކު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި އަހްމަދު ކްރިމިނަލް ކޯޓުން ދޫކޮށްލީ، އޭނާގެ ތަހުގީގު ނިމިފައިވާތީ ކަމަށް ކޯޓުން ބުނި ކަމުގައި ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަހުމަދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅީ އޭނާއަކީ "މުޖުތަމައަށް އަދި ރާއްޖޭގެ އިގްތިސާދަށް ވެސް ނުރައްކާތެރި މީހެއް" ކަމަށްވާތީ ކަމަށެވެ. އޭނާ ބަންދުން ދޫކޮށްލި މައްސަލަ ޕްރޮސިއުޓާ ޖެނެރަލް މެދުވެރިކޮށް އިސްތިއުފާނު ކުރައްވާނެ ކަމަށް ވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ. "ޝަރީއަތުގައި އޭނާ އިއުތިފާރުވެފައިވޭ ވަގު ކާޑު ހެއްދުމުގައި ބައިވެރިވި ކަމަށް. އެވަރުގެ ނުރައްކާތެރި ކުށްވެރިޔަކު ދޫކޮށްލުމުން އަޅުގަނޑުމެން ކަންބޮޑުވޭ،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަހުމަދުގެ ތަހުގީގު ނިމުނު ކަމުގައި ވިޔަސް، މުޅި މައްސަލައިގެ ތަހުގީގު ނުނިމޭ ކަމަށާއި މި މައްސަލައަކީ ދުނިޔޭގެ އެތައް ގައުމަކާ ގުޅިފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. "އެތައް ގައުމެއްގެ މީހެއްގެ ބޭންކު އެކައުންޓުގެ މައުލޫމާތު ހޯދައިގެން މި މީހުން ވަގު ކާޑު ހައްދައި، ވިޔަފާރިކޮށްފައި އެބަހުރި. މިވަރުގެ ބޮޑު މައްސަލައެއް ނިންމުމަށް ވަގުތު ބޭނުންވާނެ،" އޭނާ ވިދާޅުވި އެވެ. އަލީ އަހްމަދުގެ އިތުރުން މި މައްސަލައިގައި ހައްޔަރުކުރީ ސ. މަރަދޫ ނަރުގިސްމާގޭ އަބްދުލް ޣަނީ އަބްދުލް އަބްދުލް މަޖީދު، ،30 އާއި މއ. ނާރެސް ތޯރިގު ޖަމީލު، ،30 އެވެ. މި ދެ މީހުން ހައްޔަރުކުރީ ސްރީ ލަންކާއިންނެވެ. މި މައްސަލައިގައި އަހްމަދުގެ ކޮއްކޮ އަބްދުﷲ އަކުރަމް، ،22 އަދި މ. ޓްރެންކްލިޓީ ނަދީމް މަސްއޫދު، ،32 ވެސް ހައްޔަރުކުރި އެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އަހްމަދު ފިޔަވައި އެހެން ބައެއް މީހުން ކުރިން ދޫކޮށްލާފައިވެ އެވެ. ފުލުހުން ބުނާ ގޮތުގައި މި މީހުން ވަނީ ބޭންކް އޮފް މޯލްޑިވްސް އާއި ރާއްޖޭގައި ހިންގާ ބޭރުގެ ބައެއް ބޭންކްތަކުގެ ބައެއް ކަސްޓަމަރުންގެ ނަމުގައި ވަގު ކްރެޑިޓް އަދި ޑެބިޓް ކާޑު ހައްދައިގެން އެތައް ލައްކަ ރުފިޔާއެއް ރާއްޖޭގެ އޭޓީއެމްތަކުން ނެގުމުގެ އިތުރުން އަގުބޮޑު ބައެއް ސާމާނު ވެސް ގަނެފަ އެވެ. އަދި ރާއްޖޭގެ އޭޓީއެމްތަކުން އެ މީހުން ނެގި ފައިސާގެ އަދަދު 700،000ރ. އަށް އަރާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ރާއްޖޭން ބޭރުގެ ބޭންކުތަކުގެ ކަސްޓަމަރުންގެ ނަމުގައި ވެސް ވަގު ކާޑު ހައްދާފައިވެ އެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުން އަތުގައި ހުރި ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު ހަދާ މެޝިންތަކާއި ސާމާނު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ