މެމްބަރު އާޒިމް ދައުވާއަށް އިންކާރު ކުރައްވައިފި

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ މައްޗަށް ދައުލަތުން އުފުލި، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރިކަމުގެ ދައުވާއަށް އޭނާ މިއަދު އިންކާރު ކުރައްވައިފި އެވެ. ޝަރީއަތް ފަށައި ކްރިމިނަލް ކޯޓުގެ މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި އާޒިމް ވިދާޅުވީ އޭނާ ދައުވާ އަށް ޖަވާބުދާރީވާން ބޭނުންވަވަޑައިގަންނަވަނީ ވަކީލަކާ އެކު ކަމަށެވެ. ވަކީލަކު ހަމަޖައްސަން ބޭނުންވަނީ ކިތައް ދުވަސްތޯ ގާޒީ އަބްދުﷲ ނަޝީދު އެއްސެވުމުން އޭނާ އެދިވަޑައިގެންނެވީ 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި އާންމުކޮށް ދެނީ ފަސް ދުވަސް ކަމުން އޭނާއަށް ވެސް ދެވޭނީ ފަސް ދުވަސް ކަމަށެވެ. އޭގެ ފަހުގައި ވެސް އާޒިމް ވިދާޅުވީ އޭނާ ވާހަކަދައްކަވަމުންދާ ދެ ވަކީލުން މިވަގުތު ތިއްބެވީ ރާއްޖެއިން ބޭރުގައި ކަމަށްވާތީ 10 ދުވަސް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު އެއަށް ވަކި އެއްޗެއް ވިދާޅު ނުވެ ގާޒީ އެންގެވީ ދައުވާއަށް ޖާވާބުދާރީވާން ތައްޔާރުވެގެން ދެން އޮންނަ އަޑުއެހުމަކަށް ދިޔުމަށެވެ. ފެބްރުއަރީ 22ގައި ބޭއްވި މުޒާހަރާ ތެރެއިން އަލީ އާޒިމް ހައްޔަރުކޮށްގެން ގެންދަނީ---ހަވީރު ފައިލް ފޮޓޯ: ނިޝާން އަލީ އިދިކޮޅު އެމްޑީޕީގެ މެމްބަރު އާޒިމްގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި މުޒާހަރާއެއްގައި އަލިކިލެގެފާނުމަގުގައި ހުންނަވަނިކޮށް އެ ސަރައްދުން ވަޑައިގަތުމަށް ފުލުހުން އެންގުމުން ވެސް ވަޑައިގެންފައިނުވާ ކަމަށެވެ. އެ ސަރައްދުގައި މަޑުނުކުރައްވާ ވަޑައިގަތުމަށް އާޒިމަށް އެންގެވީ އެ މުޒާހަރާ ތެރެއިން ގަލާއި ފުޅިފަދަ ތަކެތި އުކަމުންދާތީ އެ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ނޫން ކަމަށް ނިންމުމަށް ފަހު ކަމަށް ވެސް އެ ދައުވާގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ