ރައްޔިތުން އެދެނީ ޒަމާނުންސުރެ ވެސް އޮތްގޮތަށް ދީނީ ކަންކަން ބާއްވަން: ރައީސް

ދިވެހިން ރައްޔިތުން އެދެނީ ޒަމާނުއްސުރެ ވެސް އޮތްގޮތަށް ދީނީ ކަންކަން ބޭއްވުމަށް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ "މެދުމިނަށް ތާއީދު"ގެ ނަމުގައި އެމްޑީޕީން މިއަދު އާޓިފިޝަލް ބީޗުގައި ބޭއްވި މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރު ހިންގާ ޕާޓީ އަކީ އިސްލާމްދީނާ ދުރު ބައެއް ކަމަށް ބުނެ އިލްޒާމް އަޅުވަނީ ކުޑަކުދިންނާއި ކައިވެނިކުރުމާއި ޖާރިޔާ އިން ގެންގުޅުމާއި އަންހެންކުދިން ހިތާނުކުރުން ފަދަ ފިކުރުތަކަށް ތާއީދު ނުކުރާތީ އެވެ. އަދި ރައީސް ވިދާޅުވީ މިކަންކަން ދީނީ ދަންނަބޭކަލުންނާއި ގާނޫނީ މާހިރުން ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ ދީނީ ގޮތުން ސުވާލު އުފެދިފައިވާ ކިތަންމެ ކަމަކަށް ޖަވާބު ލިބެންޖެހޭ ކަމަށާއި ކަންކަމަށް ދެވޭނެ އަދަބުތައް ވަރަށް ސާފު ބަހުން ގާނޫނު އުގޫބާތުގައި ބަޔާންކޮށްފައި އޮންނަން ޖެހޭ ކަމަށެވެ. "އެމްޑީޕީން ފަށާ އަދި ސަރުކާރުން މި ފަށާ މަސައްކަތަކީ މި ޕާޓީ ދެކޭ ގޮތުގައި އެކި އަދަބުތައް ހުންނަންވީ ގޮތް ކަނޑައެޅުމުގެ މަސައްކަތް،" ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ދީނީ ކަންކަމާ ގުޅޭ ގޮތުން އިދިކޮޅު ފަރާތަކުން ވެސް އެއްވުމެއް ބާއްވާއިރު އެމްޑީޕީގެ މުޒާހަރާ އަށް ހާޒިރުވި މީހުންގެ އަދަދުން ރައްޔިތުން ބޭނުންވާ ގޮތް ވަރަށް ބޮޑަށް ސާފުވެއްޖެ ކަމަށެވެ. "އަޅުގަނޑަށް ޔަގީންވާ ކަމަކީ ރާއްޖޭގެ ގިނަ ރައްޔިތުން ބޭނުންވަނީ، އެދެނީ ޒަމާނުންސުރެ ފަށައިގެން މި ރާއްޖޭގައި ކަންކަން ކުރެވެމުން އައި ގޮތަށް އަދިވެސް ދީނީ ކަންކަން ކުރިއަށް ގެންދަންކަން. ބަދަލެއް ގެންނާކަން އިތުރު ގޮތެއް ހަދާކަށް ރައްޔިތުންނެއް ނޭދޭ،" ރައީސް ވިދާޅުވި އެވެ. "މިއަދު އަޅުގަނޑުމެންގެ ހިތުގައި ޝައްކެއް ނެތް. އަޅުގަނޑު އަމަލުކުރަން ވީގޮތް ތިޔަބޭފުޅުންގެ އަދަދުން ދައްކަވައި ދެއްވައިފި." ރައީސް އިތުރަށް ވިދާޅުވީ "2013 ވަނަ އަހަރުގެ އިންތިހާބަށް ނުކުންނަ އިރުގައި އެ ލީޑަރުންގެ ސިޔާސީ ފިކުރުގެ ތެރޭގައި އެ ލީޑަރުން ދެކޭ ގޮތުގައި ދީނީ ކަންކަން އެ ބޭފުޅުން ގެންގުޅެން ބޭނުންފުޅުވާ ގޮތަކީ ކޮބައިކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ،" ކަމަށެވެ. ދީނީ ހިޔާލު ތަފާތުންތަކާއި އަދި ކުށްކުށަށް ދެވޭ އަދަބުތަކާއި ބެހޭގޮތުން ވާހަކަ ދެއްވެމުގެ ކުރިން ރައީސް ވާހަކަ ދެއްކެވީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ވައުދު ތަކާއި އެކަންކަން ހާސިލުވި މިންވަރާ ބެހޭ ގޮތުންނެވެ. ތިރީގައި މިވަނީ ރައީސް ދިނީ ކަންކަމާ ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގެ މުހިންމު ބައިތަކެވެ: "އަޅުގަނޑުމެންގެ ސުވާލަކީ ގާނޫނު އުގޫބާތުގައި ކަނޑައަޅާފައިވާ އަދަބުތައް، ވައްކަން ކުރީމަ ދެވޭ އަދަބު، ޒިނޭކުރީމަ ދެވޭ އަދަބު އަދި އެހެން ވެސް ކުށްކުށަށް ދެވޭ އަދަބުތައް މިހުރީ ގާނުނު އުގޫބާތުގައި އެ ބުނާ ގޮތަށް ބަޔާން ކުރެވިފައި. މިއަދު ކުރިމަތީގައި އުފެދިފައިވާ މިވާ ސުވާލަކީ ހަމަ އެކަނި އެ ކުށްތަކަށް ޒަމާނުންސުރެ ދެވެމުން އައި އަދަބުތައް ބަދަލުކުރުމުގެ ސުވާލެއް ނޫން. އޭގެ އިތުރަށް ކިތަންމެ ކަމަކީ އާ ކުށް ކަމަށް އަޅުގަނޑުމެންގެ ތެރޭގައި އެބަ ފާހަގަވޭ. ސުވާލު އެބަ ކުރެވޭ މިޔުޒިކް ކުޅުމަކީ ހަރާމް ކަމެއްތޯ؟ އަޑު އެހުމަކީ ހަރާމްކަމެއްތޯ؟ ސޫރަ ކުރެހުމަކީ ސޫރަ ދެއްކުމަކީ ހަރާމްކަމެއްތޯ؟ އަންހެން ކުދިން ހިތާނުލައްވާން ޖެހޭތޯ؟ ނުވަ އަހަރުގެ ކުދިންނާ ކައިވެނިކުރުން އެރީ ރަންގަޅުކަމެއްތޯ؟ ޖާރިޔާ އިން ގެންގުޅެވެން ޖެހޭނެތޯ؟ އަޅުގަނޑުމެންގެ ކުރިމަތީގައި މުޅިން އެހެން ސުވާލުތަކެއް އަނެއްކާ ވެސް އުފެދިއްޖެ. ގައުމިއްޔަތު ބިނާކުރަމުން ދާއިރުގައި އަޅުގަނޑުމެން ކުރާ ސުވާލަކީ އެއީ އަޅުގަނޑުމެންގެ ގައުމިއްޔަތުގެ ފޭރާންތޯ އޭ؟ އަޅުގަނޑުމެން އެނބުރޭންވީ އެ މަގަށްތޯ އޭ؟ އެ މަގަށް ނޭބުރުނީމަ އަޅުގަނޑުމެނަކީ ދީނާއި ދުރު ބަޔަކަށްވެ އަޅުގަނޑުމެންގެ ކިބާގައި މި އިލްޒާމް އެޅުވުނީތޯ އޭ؟ ރާއްޖޭގައި އަމަލުކުރަންވާނީ އިސްލާމްދީނުގެ ރިވެތި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން. އިސްލާމް ދީނުގެ އުސޫލަތަކަކީ ކޮބަތޯ ބަޔާންކޮށްދެނީ ދަންނަބޭކަލުން. ދަންނަ ބޭކަލުންގެ މެދުގައި ހިލާފު އުފެދޭ އަދި ބަހުސް ކުރެވޭ ކިތަންމެ ކަމެއް ހުރިއިރު ގައުމެއްގެ ގާނޫނު އުގޫބާތުގައި ބަޔާންކޮށްފައި މި އޮންނަނީ އެ ގައުމެއްގެ ގިނަ ބައިވަރު ރައްޔިތުން ބަލައިގަންނަ ދަންނަ ބޭކަލުންގެ އިޖުމާއު. އަޅުގަނޑުމެން އަމަލުކުރަމުން މި ގެންދަނީ މި ދެންނެވި މަގަށް. ދީނީ އިލްމުވެރިންނާއި ގާނޫނީ މާހިރުން ސާފު ކޮށްދެއްވާންވީ އަންހެކުދިން ހިތާނުކުރުން ލާޒިމުތޯ؟ ވެކްސިން ޖަހައިގެން ނުވާތޯ؟ އަންގައިދޭންވީ މިޔުޒިކް ކުޅުން އެއީ މަނާކަމެއްތޯ؟ ކިޔައިދޭންވީ އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައި މިވާ ކިތަންމެ ސުވާލެއް އެއީ. ޖަވާބު ދެއްވާންވާ ކިތަންމެ ސުވާލުތަކެއް. ގާނޫނީ އުގޫބާތް ފުރިހަމަ ކުރާން އެބަޖެހޭ. ގާނޫނީ އުގޫބާތް ފުރިހަމަކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އެދަނީ ކުރެވެމުން. އެ އުގޫބާތުގައި ލިޔެވެން އެބަ ޖެހޭ މި ރާއްޖޭގެ ރައްޔިތުން އެދޭގޮތަށް ރާއްޖޭގެ ރައްޔިތުން ބަލައިގަންނަ ގޮތަށް ރާއްޖޭގައި ކުރެވޭ ކުށްކުށުގެ އަދަދުބުތައް. އެ އަދަބުތައް ބިނާވެފައި ހުންނަން މި ޖެހެނީ އިސްލާމް ދީނުގެ މައިގަނޑު މަގްސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން.އަޅުގަނޑު އަޑުއާހާންވީ ކޮން ދަންނަ ބޭކަލެއްގެ ބަހެއްތޯ؟ ގަބޫލުކުރަންވީ ކޮން ދަންނަ ބޭކަލަކު ދައްކަވާ ވާހަކަފުޅެއްތޯ؟ އަޅުގަނޑު އެދެނީ ހުރިހާ ދަންނަ ބޭކަލުންމެ ކަންކަމުގައި އެބޭފުޅެން ދެކޭ ގޮތް ރައްޔިތުންނަށް ހުށަހަޅައި ދިނުމަށް. އަޅުގަނޑު ސިޔާސީ ލީޑަރުންގެ ކިބައިން އެދެނީ މި ދެންނެވި ގޮތްތަކުގެ ތެރެއިން އެ ބޭފުޅުން ރަނގަޅު ގޮތް ކަމަށް ދެކޭ ގޮތްތަކަކީ ކޮބައިތޯ އެ ލީޑަރުން ނުކުމެ ވިދާޅުވާން ޖެހޭނެ. ރައްޔިތުންނަށް އަންގައިދޭން ޖެހޭނެ. އެ ލީޑަރުން 2013 ވަނަ އަހަރުގެ އިންތިހާބަށް ނުކުންނަ އިރުގައި އެ ލީޑަރުންގެ ސިޔާސީ ފިކުރުގެ ތެރޭގައި އެ ލީޑަރުން ދެކޭ ގޮތުގައި ދީނީ ކަންކަން އެ ބޭފުޅުން ގެންގުޅެން ބޭނުންފުޅުވާ ގޮތަކީ ކޮބައިކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ. އެމްޑީޕީން ފަށާ އަދި ސަރުކާރުން މި ފަށާ މަސައްކަތަކީ މި ޕާޓީ ދެކޭ ގޮތުގައި އެކި އަދަބުތައް ހުންނަންވީ ގޮތް ކަނޑައެޅުމުގެ މަސައްކަތް. މި ރާއްޖޭގެ ގައުމިއްޔަތު ބިނާ ކުރުމުގައި ގައުމިއްޔަތުގެ ފޭރާން އަޅުން އަނބުރާ ތާޒާ ކަމާ އެކުގައި ރައްޔިތުންގެ ކުރިމައްޗަށް ގެނެސް ދިނުމުގައި އަމަލުކުރަންވީ ގޮތްތަކަކީ ކޮބައިތޯ ކަނޑައެޅުމުގެ މަސައްކަތަކީ އަޅުގަނޑަށް ފެންނަ ފެނުމުގައި މި ރާއްޖޭގައި ޒަމާންތަކެއް ވީއިރު ވެސް ނުކުރެވިފައި އޮތް ކަމެއް. ގާނޫނު އުގޫބާތުގެ މަޝްވަރާ އެއް ބަހުސެއް ރައްޔިތުންގެ މަޖިލީހުގައި ކުރެވޭ ކޮންމެ ދުވަހަކު އެކަކު ބުނާ ވާހަކަ އަކީ ކުފުރެއް ކަމަށް އަނެކަކު ބުނާ ވާހަކަ އަކީ ހަރާމް ކަމެއްކަމަށް ބުނަމުން ބުނަމުން ގޮސް އެކަކު އެނެކަކަށް ވާހަކަ ނުދެކެވި ކަނޑައެޅިގެން ގާނޫނުތަކުގައި ލިޔަންވީ އެއްޗެއް ސާފު ނުވެ، އެ ގާނޫނުތައް އުފެދިގެން އަންނަނީ؛ ދެން ފަނޑިޔާރުންނަށް އަމަލު ނުކުރެވޭނެ ތެތްމިނުގައި. ފަނޑިޔާރުންނަށް ސާދާ ކަމުގައި އަމަލުކުރެވޭނެ ސާފު ބަސްތަކުން ލިޔެވިފައި އޮންނަ ގާނޫނު އުގޫބާތެއް ލިބިގެންނޫނިއްޔާ މި އެދޭ ތަރައްގީ އަޅުގަނޑުމެންނަކަށް ނުހޯދޭނެ. އަޅުގަނޑުމެން މި އެދޭ ބަދަލު، ތަނަވަސްކަން، އަނެއް ދިވެހިރާއްޖެ އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ލިބޭނެ. އަޅުގަނޑުމެން އެކުގައި އެ ދިވެހިރާއްޖެ ހޯދަން ނުކުތީ އަޅުގަނޑުމެން ކޮންމެ މީހަކު އެ ދިވެހިރާއްޖެ ހޯދުމަށްޓަކައި. އަޅުގަނޑު ދެކޭ ގޮތުގައި ތިއިން ކޮންމެ ބޭފުޅަކު މިތާ ތިތިއްބެވީ ތިޔަ ބޭފުޅުންގެ ނަޒަރުގައި ވަކި ފަރުދެއްގެ ގޮތުގައި މި ރާއްޖޭގައި މުހިންމުކަމެއް ނިންމާން ޖެހިފައި އޮތީތީވެ. ވަރަށް ސާފުކޮށް ސަރުކާރުން ވެސް އަޅުގަނޑުމެން އެންމެން ވެސް ތިޔަ ބޭފުޅުންނަށް ދަންނަވަމުން ގެންދެނީ ތިޔަބޭފުޅުން މިއަދު މިތަނަށް ހާޒިރުވެ ލެއްވުމަށް، އަޅުގަނޑުމެން މި އެދެނީ މެދުމިނަށް ކުރާ ތާއީދު ތިޔަ ބޭފުޅުން ދައްކަވައި ދެއްވުމަށޭ. އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް އަދި މާލޭގެ ގިނަ ބައިވަރު ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިއަދު އަޅުގަނޑުމެންގެ ހިތުގައި ޝައްކެއް ނެތް. އަޅުގަނޑު އަމަލުކުރަން ވީގޮތް ތިޔަބޭފުޅުންގެ އަދަދުން ދައްކަވައި ދެއްވައިފި. އަޅުގަނޑުމެންނާ ޖެހިގެން އަޅުގަނޑުމެންނާ އެކުގައި ހަމަ އެހެން ބަޔެއް ވެސް އެ އަދަދަށްޓަކައި އެބަ އެއްވުމެއް ބާއްވާ. އަޅުގަނޑަށް ޔަގީންވާ ކަމަކީ ރާއްޖޭގެ ގިނަ ރައްޔިތުން ބޭނުންވަނީ އެދެނީ ޒަމާނުންސުރެ ފަށައިގެން މި ރާއްޖޭގައި ކަންކަން ކުރެވެމުން އައި ގޮތަށް އަދިވެސް ދީނީ ކަންކަން ކުރިއަށް ގެންދަންކަން. ބަދަލެއް ގެންނާކަން އިތުރުގޮތެއް ހަދާކަށް އަޅުގަނޑުމެންގެ ރައްޔިތރުންނެއް ނޭދޭ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ