ސުޕްރީމް ކޯޓުން ކަނޑައެޅި އަދަދު ހަމަނުވާތީ އުވާލި ކަމަށް ބުނި ޕާޓީތައް ނުއުވޭ ކަމަށް ކޯޓުން އަންގައިފި

ސިޔާސީ ޕާޓީއެއްގައި ހަމަވާންޖެހޭ މެންބަރުންގެ އަދަދު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ 3،000 ހަމަނުވާތީ އުވާލި ކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ޕާޓީތައް ނުއުވޭ ކަމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު ވުޖޫދަށް އައިއިރު އެ ގާނޫނުގައި ފުރަތަމަ އޮތީ 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށެވެ. ނަމަވެސް އެ އަދަދަކީ އެކަށީގެންނުވާ އަދަދެއް ކަމަށް ބުނެ، ޕާޓީއެއްގައި ހަމަވާންޖެހޭ މެމްބަރުންގެ އަދަދެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންދެން ޕާޓީއެއްގައި ހަމަވާންޖެހޭނީ މަދުވެގެން 3،000 މެމްބަރުން ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމާ އެއްގޮތަށް 3،000 މެމްބަރުން ހަމަކުރުމަށް އެންގުމުން ވެސް އެ އަދަދަކަށް މެމްބަރުން ހަމަ ނުކުރާތީ އުވާލީ ކަމަށް ކޮމިޝަނުން މިދިޔަ ފެބްރުއަރީގައި އާންމުކުރީ އަށް ޕާޓީ އެކެވެ. އެއީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އާއި މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އާއި ސޯޝަލް ލިބަރަލް ޕާޓީގެ އިތުރުން ޕީޕަލްސް ޕާޓީ އާއި މޯލްޑިވިއަން ނޭޝަނަލް ކޮންގްރެސާއި ޕީޕަލްސް އެލަޔަންސްގެ އިތުރުން ލޭބާ ޕާޓީ އަދި ގައުމީ ޕާޓީ އެވެ. ނަމަވެސް އެ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ އިއުލާނެއްގައިވަނީ އެ ޕާޓީތަކަކީ އުވިފައިވާ ޕާޓީތަކެއް ނޫން ކަމަށް ސުޕްރީމް ކޯޓުން އަންގާފައިވާ ކަމަށެވެ. އެހެންވެ އެ ޕާޓީތައް އަލުން ދަފްތަރުގައި ހިމެނީ ކަމަށް އެ އިއުލާނުގައިވެ އެވެ. ނަމަވެސް އެގޮތަށް ސުޕްރީމް ކޯޓުން އެންގީ ކޮން ތާރީޚެއްގައި ކަމެއް އެ އިއުލާނުގައި ބުނެފައެއް ނެތެވެ. އެ ޕާޓީތައް އުވާލި ކަމަށް ބުނެ ކޮމިޝަނުން ކުރިން އާންމުކޮށްފައިވާ އިއުލާނުގައިވާ ގޮތުން މެމްބަރުން ހަމަ ނުކުރުމުގެ އިތުރުން އެ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭ އިރު އެ ޕާޓީތަކުން ގަވާއިދުން އޮޑިޓް ރިޕޯޓް ވެސް ހުށަނާޅާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ