ހޮނޑައިދޫ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތްތައް ކުރުމަށް ޔޮޓް ޓުއާސްއަށް ހަވާލުކޮށްފައިވާ ހދ. ހޮނޑައިދޫގެ އެއްބަސްވުން ސަރުކާރުން އުވާލި މައްސަލާގައި ޔޮޓް ޓުއާސްގެ އިން ސިވިލް ކޯޓަށް ވައްދާފައިވާ މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.
ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓުން މިމައްސަލަ ބޭރުކޮށްލާފައިވަނީ، މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހަށް ޔޮޓް ޓުއާސްގެ ފަރާތުން ހާޒިރު ނުވުމާއި ގުޅިގެންނެވެ.
ޔޮޓް ޓުއާސްއިން ހޮނޑައިދޫ މައްސަލަ ސިވިލް ކޯޓަށް ވައްދާފައިވަނީ މިދިޔަ ނޮވެމްބަރު މަހު ސަރުކާރުން އެފަރާތާއި އެކު ހަދާފައި އޮތް އެއްބަސްވުން ބާތިލް ކުރުމުންނެވެ. މިމައްސަލާގައި ކޯޓުން ވަނީ އެރަށް ކުއްޔަށް ދިނުމަށް އިއުލާނު ކުރުމުން، އެކަން ފަސް ކުރުމަށް ވަގުތީ އަމުރެއްވެސް ނެރެފައެވެ.
ކޯޓުން މިމައްސަލަ ބޭރުކޮށްލުމާއި އެކު އެހެން ފަރާތަކަށް އެރަށް ކުއްޔަށް ދޫކުރުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އަދި ކުރިން އިއުލާނުކޮށްފައިވާ ގޮތަށް މިމަހުގެ 27 ވަނަ ދުވަހު މައުލޫމާތު ސާފު ކުރި ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ