ޑެއިލީ މިލްކް އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް: 20 ސްކޫލަކުން 600 އަށް ވުރެ ގިނަ އެތުލީޓުން ވާދަ ކުރާނެ

މާދަމާ އައްޑޫގައި ފަށާ 17 ވަނަ ޑެއިލީ މިލްކް އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި 20 ސްކޫލަކުން 600 އަށް ވުރެ ގިނަ އެތުލީޓުން ވާދަ ކުރާނެ ކަމަށް މުބާރާތް އިންތިޒާމް ކުރާ ކޮމިޓީން ބުނެފި އެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން ހުޅުވާލި ބިޑް އައްޑޫ ސިޓީ ކައުންސިލުން ކާމިޔާބުކޮށްގެން އައްޑޫގައި ބާއްވާ މުބާރާތުގައި ޖުމްލަ 20 ސްކޫލަކުން ބައިވެރިވާ އިރު، އައްޑޫން ބޭރުން މުބާރާތުގައި ވާދަކުރާ ސްކޫލްތަކުގެ ޓީމުތައް މިހާރު ވަނީ އައްޑު އަށް އައިސްފަ އެވެ. މުބާރާތުގައި އައްޑޫގެ 12 ސްކޫލަކުން ބައިވެރިވެފައިވެ އެވެ. ފުވައްމުލަކުން މުބާރާތުގައި ވާދަކުރާ ސްކޫލްތަކުގެ ޓީމުތަކާއި ތިނަދޫ ޓީމު އައްޑު އަށް އައިސްފައި ވަނީ ހުކުރު ދުވަހު އެވެ. މުބާރާތުގައި ފުވައްމުލަކުން ބައިވެރިވާ ސްކޫލްތަކުގެ ތެރޭގައި ހިމެނެނީ ޏ. އަތޮޅު ތައުލީމީ މަރުކަޒު، ހާފިޒް އަހުމަދު ސްކޫލް، ފުވައްމުލަކު ސްކޫލް އަދި އެމްޖޭއެމް ސްކޫލެވެ. މީގެ އިތުރުން ހުވަދު އަތޮޅުން މުބާރާތުގައި ބައިވެރިވާ ހަމައެކަނި ސްކޫލަކީ ތިނަދޫ އަބޫބަކުރު ސްކޫލެވެ. މާލޭން މުބާރާތުގައި ވާދަކުރާ ހަތަރު ސްކޫލްގެ ޓީމުތައް އައްޑު އަށް އައިސްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. މާލޭން މުބާރާތުގައި ވާދަ ކުރަނީ މަޖީދިއްޔާ ސްކޫލް، ދަރުމަންތަ ސްކޫލް، ތާޖުއްދީން އަދި ޖަމާލުއްދީން ސްކޫލެވެ. މުބާރާތުގެ އޮގަނައިޒިން ކޮމިޓީގެ ޗެއާޕާސަން އަހުމަދު އަލީ މިއަދު ވިދާޅުވީ މުބާރާތް މާދަމާ ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ހިތަދޫ ޒޯން ސްޓޭޑިއަމްގައި ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މުބާރާތުގައި ޖުމްލަ 673 އެތުލީޓުން ވާދަކުރާ އިރު އޮފިޝަލުންނާ އެކު މުޅި މުބާރާތުގައި 853 ފަރާތަކުން ހަރަކާތްތެރި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މުބާރާތަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައި މިހާރު މި ވަނީ. އޯޕަނިން ސެރަމަނީ ވެސް މިރޭ އޮންނާނެ. އެހެން ނަމަވެސް ވިއްސާރަވުމާ ގުޅިގެން ކޮންމެވެސް ވަރެއްގެ ދަތިތަކެއް ވެސް އެބަހުރި،" 1.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބާއްވާ މުބާރާތާ ބެހޭ ގޮތުން އަހުމަދު ވިދާޅުވި އެވެ. "މުބާރާތުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އެތުލެޓިކްސް އެސޯސިއޭޝަނާއި އައްޑޫ ސިޓީ ކައުންސިލުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ވެސް އަޅުގަނޑުމެންނަށް ލިބެމުން ދަނީ." އޭނާ އިތުރަށް ވިދާޅުވީ މުބާރާތް ކުރިއަށް ގެންދާ އިރު އެންމެ ބޮޑަށް ދިމާވެފައި އޮތް އެއް ދައްޗަކީ ދަތުރުފަތުރުގެ ކަންތައްތައް ކަމަށެވެ. އެހެން ނަމަވެސް މިކަމަށް ހައްލެއް ހޯދުމަށް އެމްވީކޭއާ ވާހަކަ ދައްކައިގެން ވެސް ހައްލެއް ލިބިފައި ނުވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ