މާފަންނު ދެކުނު ދާއިރާގެ ޕްރައިމަރީ ބާތިލުކުރަން ނުޖެހޭ ކަމަށް އެމްޑީޕީން ނިންމައިފި

ރައްޔިތުން މަޖިލީހުގެ މާފަންނު ދެކުނު ދާއިރާ އަށް އެމްޑީޕީން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ދާއިރާގެ ޕްރައިމަރީގެ ނަތީޖާ ބާތިލުކުރަން ޖެހޭވަރުގެ މައްސަލައެއް ދިމާވެފައި ނެތް ކަމަށް އެ ޕާޓީގެ އިންތިހާބުތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ. އެ ދާއިރާގެ ނަތީޖާ ބާތިލުކޮށް، އަލުން ޕްރައިމަރީ ބާއްވައިދިނުމަށް ހުށަހެޅީ އެ ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ ވާދަކޮށް އެންމެ ތިން ވޯޓުން ބަލިވި، ރާއްޖެ ޓީވީގެ ނިއުސް ހެޑް އިބްރާހިމް ވަހީދު (އަސްވާޑު) އެވެ. އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ކޮމިޓީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވި ގޮތުގައި އެ ދާއިރާގެ ޕްރައިމަރީ ބާތިލުކުރަން ނުޖެހޭ ކަމަށް ނިންމީ ނަތީޖާ އަށް ބަދަލު އަންނަވަރުގެ ކަމެއް ދިމާވެފައި ނެތުމުންނެވެ. "€œއެހެންވެ އެ ދާއިރާގެ ޕްރައިމަރީ ބާތިލުކުރަން ނުޖެހޭކަން އަސްވާޑަށް ވާނީ ލިޔުމުން އަންގާފައި،"€ ނިޔާޒު ވިދާޅުވި އެވެ. އަސްވާޑު ބުނި ގޮތުގައި އެ މައްސަލަ ހުށަހެޅީ ޕްރައިމަރީގެ ނަތީޖާ ޝީޓާއި ވޯޓު ލި މީހުންގެ އަދަދާ ދިމާނުވާތީ އާއި އިތުރަށް މީހުން ވޯޓު ލާފައިވާ ކަމަށް ގަބޫލުކުރެވޭތީ އެވެ. ނަމަވެސް ނިޔާޒު ވިދާޅުވީ އެފަދަ އޮޅުވާލުންތަކެއް ނެތް ކަމަށާއި ނަތީޖާ ޝީޓްތައް ދިމާވާ ކަމަށް އަސްވާޑުގެ މަންދޫބު ވެސް ސޮއިކޮށްފައިވާ ކަމަށެވެ. ނަތީޖާއާ މެދު ހިތްހަމަނުޖެހިގެން މައްސަލަ ހުށަހެޅުއްވި ނަމަވެސް، ޕްރައިމަރީ ބާތިލުކުރަން ނުޖެހޭ ކަމަށް އެމްޑީޕީން ނިންމުމާ ގުޅިގެން އެކަން ގަބޫލުކުރާ ކަމަށް އަސްވާޑު ބުންޏެވެ. އަދި މާފަންނު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް އޭނާ ބުންޏެވެ. ޕްރައިމަރީގައި އަސްވާޑަށް 134 ވޯޓު ލިބުނުއިރު، ކުރީގެ ހައުސިން މިނިސްޓަރު އަސްލަމް ޕްރައިމަރީ ކާމިޔާބު ކުރެއްވީ 137 ވޯޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ