ދެ މައްސަލަ ވެސް ސުޕްރީމް ކޯޓަށް ހުށަހަޅާނަން: ނާޒިމްގެ ވަކީލް
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކުރުމަށާއި 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ތާއީދުކޮށް ހައި ކޯޓުން މިއަދު ނިންމި ނިންމުން އަންނަ ހަފުތާގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް އޭނާގެ ވަކީލު މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ. ހައްޔަރުކުރުމަށް ކޯޓުން ފުލުހުންނަށް ދިން އަމުރާއި ބަންދުގައި ބެހެއްޓުމުގެ އަމުރު ބާތިލްކޮށްދިނުމަށް އެދި ނާޒިމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވި އަޑުއެހުމަށް ފަހު ނުކުމެ ވަޑައިގެން މީޑިއާއާ ވަހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ މައްސަލަ ތައްޔާރުކުރުމަށް ފަހު ފެށޭ ހަފުތާގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރައްވާނެ ކަމަށެވެ. ހައި ކޯޓުގައި މިއަދު އޮތް ޝަރީއަތަށް ނާޒިމް ވަޑައިގަންނަވަނީ.---ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން މައުމޫން ވިދާޅުވީ ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާ ހާމަކުރުމަށް އެދި ޕޮލިހަށް ހުށަހެޅުމުން އެކަން ނުކުރެވޭނެ ކަމަށް ފުލުހުން މިހާރު އަންގާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ދިން ޖަވާބަކީ ޒިންމާދާރު ޖަވާބެއް ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ސިޓީގައި ވަނީ އެއީ ތަހުގީގަށް ހޯދާފައިވާ ލިޔެކިޔުންތަކެއް ކަމަށާއި ޝަރީއަތަށް ހުށަހަޅައިގެން ޝަރީއަތުން ކަނޑައަޅާ އުސޫލެއްގެ މަތިން ކުރިއަށް ގެންދާނެ ކަމަށް،" މައުމޫން ވިދާޅުވި އެވެ. ނާޒިމް ހުށަހެޅުއްވި ދެ މައްސަލަ ވެސް އޭނާއާ ދެކޮޅަށް ހައި ކޯޓުގައި ނިމިފައިވާ އިރު ނާޒިމްގެ ގެ ފާސްކުރުމަށް ނެރުނު އަމުރު ވެސް އޭނާގެ ފަރާތުން މިއަދު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ހަތިޔާރުހުރި ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު ނާޒިމްގެ އެޕާޓްމަންޓަށް ވަދެ ފާސްކޮށްފައިވާ އިރު އެ ތަނުން ފިސްތޯލައަކާއި ތިން ވަޒަނާއި ގޮވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް އޭރު ނާޒިމް ހައްޔަރުކޮށްފައެއް ނުވެ އެވެ. އެ މައްސަލާގައި ޑިފެންސް މިނިސްޓަރުކަމުން ނާޒިމް ވަކިކޮށް އަދި އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވަނިކޮށް އޭނާ ހައްޔަރުކުރީ މި މަހުގެ 9 ވަނަ ދުވަހުގެ ރެ އެވެ. އޭނާ ހައްޔަރުކުރުމަށް ފަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެހެން ބަޔަކާ ގުޅިގެން ދައުލަތާ އިދިކޮޅު ހަރަކާތެއް ހިންގުމަށް ނާޒިމް ރޭވިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ