ވައުދުތައް ފުއްދުމަށް މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވޭ: މައުމޫން
ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށާއި ވައުދުތައް ފުއްދުމަށް ސަރުކާރު ހިންގާ ކޯލިޝަނަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު އެ ގޮތަށް ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާ އަށް ވާދަކުރައްވާ މަރިޔަމް ނަހުލާގެ ކެމްޕެއިން ފެށުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި މައުމޫން ވިދާޅުވީ ސަރުކާރުން ކިތަންމެ މޮޅު ޕްލޭންތަކެއް ރޭވި ނަމަވެސް އެކަން ތަންފީޒު ވާނީ ދައުލަތުގެ މުއައްސަސާތަކުގެ އެއްބާރުލުން ލިބިގެން ކަމަށާއި ހާއްސަކޮށް މަޖިލީހުގެ އެހީތެރިކަން އެކަމުގައި ބޭނުންވާނެ ކަމަށެވެ. އެގޮތުން، ގާނޫނުތައް ހެދުމާއި ގާނޫނުތަކަށް އިސްލާހު ގެނެސްގެން ނޫނީ ސަރުކާރުގެ މެނިފެސްޓޯގައިވާ ކަންކަން ހާސިލް ނުވާނެ ކަމަށް ވިދާޅުވި އެވެ. "ވަކިން ހާއްސަކޮށް، މި މެނިފެސްޓޯގައިވާ ކަންކަން ހާސިލްކުރުމަށް ބައެއް ގާނޫނުތައް ހަދަން ޖެހޭ، ބައެއް ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭ. މި ކަންތައްތައް އެ ގޮތުގެ މަތިން ކުރެވިގެން ނޫނީ އެ މެނިފެސްޓޯގައިވާ ކަންތައްތަކެއް ރައްޔިތުންނާ ހަމައަކަށް ނުގެނެސްދެވޭނެ،" މައުމޫން ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ބައެއް ފަހަރު މަޖިލީހުގެ ތެރެއިން ސަރުކާރުގެ ދިފާއުގައި ވެސް ނިކުންނަން ޖެހޭނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީން އެ މަގާމަށް ހޮވިވަޑައިގެންފައިވަނީ ވަރަށް މުހިންމު މެނިފެސްޓޯއަކާ އެކު ކަމަށެވެ. އޭގައިވާ ކަންކަމަކީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވީ އެ ކަންކަން ހާސިލް ވާން މަޖިލީހުގެ އެއްބާރުލުން ބޭނުން ވާނެ ކަމަށެވެ. "އެ ކަންކަން ހާސިލް ވާން ދައުލަތަށް އެބަ ބޭނުންވާ އާމްދަނީ އިތުރު ވާން އަދި އެކިއެކި ފުރުސަތުތައް ހުޅުވިގެން ދާން. މި ކަންތައްތައް ވާނީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބިގެން. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ އަޣުލަބިއްޔަތެއް އޮވެގެން،" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި މައުމޫން ވިދާޅުވި އެވެ. މައުމޫން އިތުރަށް ވިދާޅުވީ މަޖިލީހަކީ ރައްޔިތުންނަށް ނަމޫނާއަކަށް ވާން ޖެހޭ ތަނެއް ކަމަށާއި އެ ތަނުގެ ތެރޭގައި ހިނގަމުންދާ ކަންކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. މިހާރު ހިނގަމުންދާ މަޖިލީހުގައި ހިނގާފައިވާ ކަންކަމަކީ ތަކުރާރުވެގެން ވާނެ ކަންތައްތަކެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އެ ތަނަކީ މަސްއޫލިއްޔަތު އަދާކުރާ އަދި ގަދަރުވެރި ތަނަކަށް ހަދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ