ކީޕަރު ފައިސަލް 4 މަހަށް ކުޅުމާއި ދުރަށް

އޭއެފްސީ ކަޕުގެ ޕުލޭ އޮފްގައި ޔަމަނުގެ އަލް ތިލާލްއާއި ދެކޮޅަށް ވިކްޓްރީ ސްޕޯޓްސް ކުލަބުން ކުޅުނު މެޗުގައި އަނިޔާވީ ގޯލްކީޕަރު މުހައްމަދު ފައިސަލް 4 މަސް ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށް ވިކްޓްރީއިން ބުނެފިއެވެ.
ފައިސަލްއަށް އަނިޔާވެފައިވަނީ އަލް ތިލާލްއާއި ދެކޮޅަށް ކުޅެ، ހަތަރެއް ތިނަކުން ވިކްޓްރީ ބަލިވި މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައެވެ. މިއަނިޔާއާއި ގުޅިގެން ފައިސަލް ވަނީ ބަދަލުކުރެވިފައެވެ.
ވިކްޓްރީގެ ފަރާތުން މައުލޫމާތު ދިން އޮފިޝަލަކު އިއްޔެ ބުނީ ގައުމީ ޓީމުގެ ޑޮކްޓަރު އަހުމަދު ޝަކީބު ފައިސަލްގެ އަނިޔާ ބަލާފައިވާ ކަމަށެވެ. އަދި ފައިސަލްގެ ވާތު ފައިގެ ކުޑަހުޅުގެ ކަށިކޮޅެއް ބިންދައިގެން ގޮސްފައިވާ ކަމަށް އެކްސްރޭތަކުން ދައްކާ ކަމަށާއި، މިއަނިޔާ ރަނގަޅުވުމަށް 4 މަސް ދުވަސް ވަރު ހޭދަވާނެ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ.
ވިކްޓްރީއިން ބުނެފައިވަނީ ފައިސަލްއަށް ކުރިމަތިވެފައިވާ އަނިޔާގެ ސަބަބުން އާކީޕަރެއް ވިކްޓްރީއަށް ގެނައުމާއި މެދު ވިސްނަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ