ގާސިމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިސްތިއުފާގެ މައްސަލައިގެ އަޑުއެހުން ނިމިއްޖެ

19:0015 ދުވަހަށް ގޭ ބަންދުގައި ބެހެއްޓުމަށް، ހައި ކޯޓުން ކުރި ހުކުމާގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މާމިގިނލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، ފުލުހުންގެ މައްޗަށް ސުޕްރީމް ކޯޓުގައި އިސްތިއުފާ ކުރި މައްސަލައިގެ އަޑުއެހުން ނިންމާލައްވައިފި އެވެ.މިއަދު ހަވީރު ބޭއްވި، މި މައްސަލައިގެ ދެވަނަ އަޑުއެހުމުގައި ދެފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، ހުކުމް އިއްވުމަށްޓަކައި ބާއްވާ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމަށް އެ ދަރާތައް އަންގަވާނެ ކަމަށެވެ.މިއަދުގެ ޝަރީއަތުގެ މަޖިލީސް ފެއްޓެވުމަށްފަހު ދައުވާ ރައްދުވާ ފަރާތްކަމުގައިވާ ފުލުހުންނަށް އެ ދައުވާއަށް ޖަވާބުދާރީވުމަށް ދެއްވި ފުރުސަތުގައި، ފުލުހުން ވިދާޅުވީ، ގާސިމް ހައްޔަރުކޮށްފައިވަނީ، ގާނޫނު އަސާސީއާއި ފުލުހުންގެ ގާނޫނާއި، ގަވާއިދުތަކާއި، އެއްގޮތަށް ކަމަށެވެ. އަދި ފުލުހުންގެ ގަވާއިދުތަކުން ފުލުހުންނަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ގާސިމް ހައްޔަރު ކުރީ، ދައުލަތާ ދެކޮޅު އަމަލު ހިންގުމާއި، ކޮރަޕްޝަންގެ މައްސަލައިގައިކަމުން، ހެކި ފޮރުވުމާއި، ހެކިންނަށް ބާރު ފޯރުވުމުގެ ފުރުސަތު އޮތުމުން ފުލުހުންގެ ހައްޔަރުގައި ގާސިމް ބެހެއްޓުމަށް ހުކުމް ކުރެއްވުމަށް ވެސް ފުލުހުންގެ ފަރާތުން އުއްތަމަ ފަނޑިޔާރުގެ ކިބައިން އެދެމުން ގެންދެވި އެވެ. ގާސިމްގެ މައްޗަށް ތަހުގީގު ފެށުނީ ކޮން ގޮތަކުންތޯ ފަނޑިޔާރުން، ފުލުހުންނާ ސުވާލު ކުރެއްވުމުން ފުލުހުން ވިދާޅުވީ، އެ މައްސަލައަކީ، ރައީސް އޮފީހުން ހުށަހަޅައިގެން ބަލާ މައްސަލައެއް ކަމަށެވެ. އަދި ގާސިމް ހައްޔަރު ކުރުމުގެ އޯޑަރު ދެއްވީ ކާކުތޯ ސުވާލު ކުރެއްވުމުން އެކަމަށް އޯޑަރު ދެއްވި ފަރާތުގެނަން ފުލުހުން ޝަރީއަތުގައި ވިދާޅެއްނުވި އެވެ.ފުލުހުންގެ ފަރާތުން ހުށަހެޅުއްވި ނުކުތާތަކަށް ޖަވާބު ދެއްވަމުން ގާސިމް އިބްރާހިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ކުރީގެ ދެ އެޓާނީ ޖެނެރަލުން ކަމުގައިވާ، ޑރ. ހަސަން ސައީދާއި، އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވީ، މި މައްސަލަ ފެށީފައިވަނީ ވެސް ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން ފުލުހުން ގާސިމް ހައްޔަރުކޮށްފައި ވަނީ އޮޅުވާލައިގެން ކަމަށާއި، ހައްޔަރުކޮށްފައި ބެހެއްޓި ވަގުތުތަކުގައިވެސް ގާނޫނު އަސާސީން ގާސިމަށް ލިބެންޖެހޭ ހައްގުތައް ލިބިފައިނުވާ ކަމަށެވެ. އަދި ޖިނާއީ ކޯޓާއި، ހައިކޯޓުން އިއްވި ހުކުމުގައި، އެހުކުމް އިއްވެވި ފަނޑިޔާރުންވެސް އެކަމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި، ފުލުހުން ގާސިމް ހައްޔަރުކޮށްފައިވަނީ، ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ ގާސިމުގެ ފަރާތުން ހުށަހަޅާ ނުކުތާއަށް ފުލުހުން އިންކާރު ނުކުރައްވާތީ، އެކަން ސާބިތުވާ ކަމަށް ވެސް ގާސިމުގެ ވަކީލުން ވިދާޅުވި އެވެ. އެހެންކަމުން ގާސިމު މިހާރުން މިހާރަށް ދޫކޮށްލެއްވުމަށް ހުކުމް އިއްވެވުމަށް ވެސް ގާސިމް އިބްރާހިމްގެ ވަކީލުން ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ