ހަފުތާއެއްގެ ތެރޭ ނަޝީދު މާފުށީ ޖަލަށް ބަދަލު ކުރެވޭނެ: އުމަރު

ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ދޫނިދޫން މާފުށީ ޖަލަށް ބަދަލުކުރަން ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް، ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ރައީސް ކަމުގައި ވެސް ހުންނެވި ނަޝީދަށް ރޭ ކްރިމިނަލް ކޯޓުން ހުކުމް ކުރުމަށް ފަހު ވެސް، ދޫނިދޫގައި ބަހައްޓާފައި ހުންނެވީ، ހުކުމް ތަންފީޒުކުރާ މީހުން ތިބޭ މާފުށީ ޖަލުގައި އެ މަނިކުފާނަށް ހާއްސަ ތަނެއް ހަދަންދެނެވެ. އެތަން ހަދައި ނިމެންދެން ހޯމް މިނިސްޓަރު އަންގަވާފައި އޮތީ ނަޝީދު ދޫނިދޫގައި ބެހެއްޓުމަށެވެ. "ރޭގެ ހުކުމާއެކު ވީހާ ވެސް އަވަހަކަށް ނަޝީދު ބަހައްޓަވަން ތަނެއް ހަދަން އަޅުގަނޑު ވާނީ ޕްރިޒަންސް ކޮމިޝަނަރަށް އަންގާފައި. އެތަން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމައި، [ނަޝީދު] ބަދަލު ކުރެވޭނެ،" އަމަރު ވިދާޅުވި އެވެ. ނަޝީދުގެ ހުކުމާ ގުޅިގެން، ޖަލުގެ ގައިދީން ހަމަހަމަ ކުރަން ޖެހޭނެ ކަމަށް ބައެއް މީހުން ވާހަކަ ދައްކަމުންދާ ކަމަށާއި ނަމަވެސް، އުމަރު ވިދާޅުވީ އެ ހަމަހަމަކަން އޮންނާނީ ކުށްވެރިން ދަރަޖަކުރާ މިންވަރުގެ މައްޗަށް ކަމަށެވެ. "ޖަލުގައި ހަމަހަމަވާނީ ކެއުމާއި މެޑިކަލް ކަންކަން. ކުށްވެރިން ކެޓަގަރައިޒްކޮށް އެ މީހުން ބޭތިއްބުމުގެ ފިސިލިޓީސް ކަނޑައެޅުމަކީ ހޯމް މިނިސްޓަރާއި، ޕްރިޒަންސް ކޮމިޝަނަރަށް ލިބޭ ބާރެއް. ބައެއް ކުށްވެރިން ހައި ސެކިއުރިޓީ ގޮޅިތަކުގައި ތިބޭނެ. ބައެއް ކުށްވެރިން ލުއި ޖަލުގައި. އެ ގޮތުން ނަޝީދަކީ، ކުރީގެ ރައީސަކަށް ވުމާއެކު އޭނާ ބަހައްޓާނީ ދޭންޖެހޭ އިހްތިރާމާއެކު،" އުމަރު ވިދާޅުވި އެވެ. ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، 2012 ގައި ގަދަކަމުން ފޮރުވުމުން ޓެރަރިޒަމްގެ ކުށުގައި ނަޝީދު ޖަލަށް ލާން ހުކުމް ކުރިއިރު، އެ މަނިކުފާނުގެ މައްޗަށް އުފުލީ ސިޔާސީ ދައުވާއެއް ކަމާއި ހިންގީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށް އެމްޑީޕީން ބުނެ އެވެ. ނަޝީދުގެ މައްޗަށް ކުރި ހުކުމާމެދު، އެމެރިކާ އާއި އިނގިރޭސި ވިލާތާއި އިންޑިއާ އިން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު، ޖެން ސާކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތުގައި، ޖިނާއީ ޝަރީއަތްތަކުގައި އަމަލުކުރަން އޮންނަ އުސޫލުތަކަށް ފުރިހަމަ އަށް ތަބާވެފައި ނުވާކަން ވަނީ ފާހަގަކުރެވިފަ އެވެ. އެގޮތުން، ރާއްޖޭގެ ގާނޫނާއި އިންޓަނޭޝަނަލް ކޮވެނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައީސީސީޕީއާރު)އާ ހިލާފަށް ބައެއް ކަންކަން ކޮށްފައިވާ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ