ނާޒިމްގެ ގެ ފާސްކުރުމުގެ އަމުރުގެ ސައްހަ ކަމާ މެދު ހައި ކޯޓުން ގޮތެއް ނުނިންމި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓްމަންޓް ބަލައި، ފާސްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ގާނޫނީ ސައްހަކަމާ މެދު ގޮތެއް ނިންމަން އެންމެ ރަނގަޅުވާނީ މިހާރު ހިނގަމުން އަންނަ، އޭނާގެ ޝަރީއަތުގެ ތެރެއިން ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ. ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސްކުރަން ނެރުނު އަމުރު ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން އެދި ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ނެރުނު ހުކުމުގައި ވަނީ، ނާޒިމްގެ މައްޗަށް ދައުލަތުން ތުހުމަތުކުރާ ކުށުގެ ޝަރީއަތްތައް މިހާރު ހިނގަމުން އަންނާތީ، އެ ޝަރީއަތުގައި އެ އަމުރާ މެދު ގޮތެއް ނިންމައިދޭން ނާޒިމްގެ ފަރާތުން އެދެވިދާނެ ކަމަށެވެ. ހުކުމްގައި ބުނެފައިވާ ގޮތުގައި، ނުރައްކާތެރި ހަތިޔާރު ގެންގުޅުމާއި ވެރިކަން ބަދަލުކުރަން ރޭވި ކަމުގެ ކުށް ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައެޅުމުގައި، ނާޒިމްގެ ގެ ބަލައި ފާސްކުރަން ނެރުނު އަމުރާ މެދު ވެސް ގޮތެއް ނިންމަން ޖެހޭނެ އެވެ. މިއަދުގެ ޝަރީއަތަށް ފަހު، ނާޒިމްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ނާޒިމްގެ އެޕާޓްމަންޓް ބަލައި ފާސްކުރަން ނެރުނު އަމުރަކީ ބާތިލް އެއްޗެއް ކަމަށާއި އަދި ހެކި ހޯދީ، އެ އަމުރު ބޭނުންކޮށްގެން ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދޭން ކްރިމިނަލް ކޯޓުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ. "ހައި ކޯޓުގެ އެ ހުކުމުގައިވާ ގޮތުން ކްރިމިނަލް ކޯޓުން ބައްލަވަން ޖެހޭނެ އެ މައްސަލަ މި ޝަރީއަތުގެ ތެރޭގައި (ގެ ބަލައި ފާސްކުރުމަށް ނެރުނު ކޯޓުގެ އަމުރުގެ މައްސަލަ)، އެ އަށް އަޅުގަނޑުމެން ފާހަގަކުރާ ނުކުތާތަކަށް ރިޔާއަތްކުރައްވަން ޖެހޭނެ،" މައުމޫން ވިދާޅުވި އެވެ. މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން، ނާޒިމްގެ އެޕާޓްމަންޓަށް ފުލުހުން ވަދެ ފާސްކުރީ، ނުރައްކާތެރި ހަތިޔާރު ގެންގުޅޭ ކަމުގެ ތުހުމަތުގަ އެވެ. އަދި ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެކަމަކު ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެކަން ދޮގުކޮށްފަ އެވެ . ދައުލަތާ ދެކޮޅު ހަރަކާތެއް ހިންގަން އުޅޭ ކަމުގެ ތުހުމަތުގައި ނާޒިމް ހައްޔަރުކުރަން ނެރުނު ކޯޓު އަމުރާއި 15 ދުވަހަށް ބަންދުކުރަން ނެރުނު އަމުރު ވެސް ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އެ ދެ އަމުރަށް ވެސް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ. އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ އެ މައްސަލަ ވެސް އިސްތިއުނާފް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ