ގާސިމް މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ދެކެން: އާއިލާ

މިދިއަ 2012 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު މަގުމަތީ ހިނގި އެކްސިޑެންޓެއްގައި ސ ހިތަދޫ ރަންފުސްގޭ އަބްދުﷲ ގާސިމް އިބްރާހީމް މަރުވީ ފުލުހުންގެ އިހުމާލުންކަމަށް ދެކޭކަމަށް އާއިލާއިން ބުނެފިއެވެ.
ގާސިމް މަރުވި މައްސަލަބަލާ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން މިއަދު ބޭއްވެވި ބައްދަލުވުމަށް ގާސިމްގެ އާއިލާ ހާޒިރުކޮށް މައުލޫމާތު ސާފުކުރުމަށް ބޭއްވެވި ބައްދަލުވުމުގައި ގާސިމްގެ އަނބިކަނބަލުން ނާސިޔާ ހަލީލު ވިދާޅުވީ ގާސިމް އެކްސިޑެންޓް ވެގެން ހޮސްޕިޓަލަށް (އައިޖީއެމްއެޗް) ގެންގޮސް ފަރުވާދެމުންދިޔައިރު ފުލުހުންގެ ފަރާތުން އެއްބާރުލުން ލިބުނު ކަމަށާއި ނަމަވެސް ގާސިމް އަވަސް ފަރުވާދެނުމަށް ރާއްޖޭން ބޭރަށް ގެންދަން ނިންމި ހިސާބުން ފުލުހުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް އަދި އެހީތެރި ކަމެއްވެސް ނުލިބޭ ކަމަށެވެ.
"އެކްސިޑެންޓް ވެގެން ހޮސްޕިޓަލަށް ގެންދިޔައިރު ވަރަށް ރަނގަޅު ފުލުހުން، ނަމަވެސް ގާސިމް އަވަސް ފަރުވާއަށް ބޭރަށް ގެންދަންޖެހުމުން ފުލުހުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ، އަޅުގަނޑުމެން އެދުނިން އެހީތެރިކަމެއް ވެދިނުމަށް، ނަމަވެސް ފުލުހުންބުނީ މާލީ އެހީތެރިކަމެއް ވެދެވޭކަށް ނެތޭ، ދެން ގާސިމް ލަންކާއަށް ފުރުވާލުމަށްޓަކައި އެއާރޕޯޓަށް ގެންގޮސް ދިނުމަށް ފުލުހުންގެ އަރިހުން އެދުމުން ބުނީ ލޯންޗެއްގައެއް ނުގެންދެވޭނެއޭ، ދޯންޏެއްގަ ގެންގޮސްދީފާނަމޭ، ނަމަވެސް ގާސިމް އެހާލަތުގައި އޮތީމައި އަޅުގަނޑުމެން ބޭނުންވީ ވީހާވެސް އަވަހަކަށް ފަރުވާދިނުމަށް ރާއްޖޭން ބޭރަށް ފުރަން،" ގާސިމްގެ އަނބިކަނބަލުން ވިދާޅުވިއެވެ.
ނާސިޔާ އިތުރަށް ވިދާޅުވީ ގާސިމް އެކްސިޑެންޓް ވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަން އެނގިގެން އެތަނަށް ދިޔައިރު ވަރަށް ގިނަ ފުލުހުން އެތާތިބި ކަމަށާއި އަދި ފުލުހުން ހަމައެކަނި ބުނިހާވެސް އެއްޗަކީ ގާސިމް އެކްސިޑެންޓެއް ވެގެން ވީކަމެއްކަމަށެވެ.
އަދި ފުލުހުންގެ އެހީތެރިކަންވެސް ލިބޭނެކަމަށްވެސް ހޮސްޕިޓަލުގައި ހުއްޓައި ފުލުހުން ބުނެފައިވާ ކަމަށްވެސް ނާސިޔާ ބުނެއެވެ. ނަމަވެސް އޭގެ ފަހުން ފުލުހުން އެމައްސަލައާއި ގުޅިގެން އެއްވެސް އެއްޗެއް އާއިލާއަށް އަންގާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ކޮމެޓީއަށް ހާޒިރުވާން އަންގާފައިވަނިކޮށެވެ.
"އެދުވަހު ގުޅާފަބުނީ މައްސަލަ ކުރިއަށް ގެންދާކަމަށާއި މިހާރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހައިފައިވާ ކަމަށް،" ގާސިމްގެ އަނބިކަނބަލުން ވިދާޅުވިއެވެ.
ނާސިޔާ އިތުރަށް ވިދާޅުވީ ލަންކާއަށް ގެންގޮސް ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ދުވަހު ކަމަށާއި ނަމަވެސް ގާސިމްގެ ހަށިގަނޑު ވަޅުލުމަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވިކަމަށެވެ.
"ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކުން ލިޔުމެއް ލިބިފައިނުވާތީ ގާސިމް ހަށިގަނޑު ވަޅުލާން ދަތިތަކާ ދިމާވި، އައިޖީއެމްއެޗުގެ ރިޕޯޓްގައިވެސް އޮތީ "އެކްސިޑެންޓް" އެކަނި ލިޔެފަ، ޕޮލިސް ރިޕޯޓެއް ނުލިބޭ،" މިއަދު ބޭއްވި ކޮމެޓީގައި ގާސިމްގެ އަނބިކަނބަލުން ވިދާޅުވެފައިވެއެވެ.
ގާސިމް މަރުވި ހާދިސާ އާއިގުޅޭ ވީޑިއޯއެއް ވަނީ ސޯސަލް މީޑިއާގައި އާއްމުވެފައެވެ. އާއްމުވި އެއް މިނިޓް 12 ސިކުންތުގެ ވީޑިއޯގައި ފެންނަނީ ފޭރުނު ދެމީހުން ބާރު ސްޕީޑްގައި ސައިކަލު ދުއްވަމުން އަންނާތީ ގާސިމް ޖަސްޓިސްބިލްޑިގ ކައިރީ މަޑުކޮށްލިތަނެވެ.
އަދި ސައިކަލުގައި ދިޔަ ދެމީހުން ހުއްޓުވުމަށް އެސަރަހައްދުގައިހުރި ފުލުހަކު މަސައްކަތް ކުރުމުން ދެ މީހުން ދުއްވި ސައިކަލުގޮސް މަޑުކޮށްލައިގެން އިން ގާސިމްގެ ސައިކަލުގައިޖެހި ދުރައް ވިއްސައިގެން ދިޔަތަން އާއްމުވި ވީޑިއޯއިންފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ