ބޮޑު މުޒާހަރާގައި ބައިވެރިވުމަށް ގާސިމް ގޮވާލައްވައިފި

އިސްލާމްދީން ހިމާޔަތް ކުރުމަށް ގޮވާލައި މަދަނީ އިއްތިހާދުން މި މަހުގެ 23 ގައި މާލޭގައި ބާއްވާ ބޮޑު މުޒާހަރާގައި ބައިވެރިވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ ގާސިމް އިބްރާހީމް ގޮވާލައްވައިފި އެވެ. އދ. ދަނގެތިން ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނު މީހުން އެ ޕާޓީ އަށް ސޮއިކުރުމަށް މި ހަފުތާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީން ބޭރަށް އެއްވެސް މީހަކަށް ނުދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއިން މިއަދު ފެންނަނީ ދީނީ އަގީދާ ފުނޑުފުނޑުކޮށްލައި "ފާޑުފާޑުގެ ކުދިކުދި އަދި ބޮޑެތި ކަންތައްތައް" ދިވެހިންގެ ތެރެއަށް ތައާރަފުވެ ގައުމު ފަސާދައިގެ ތެރެއަށް ދުއްވާލާ މަންޒަރު ކަމަށެވެ. އަދި އެހެން ދީނަކަށް ރާއްޖޭގެ ފަސްގަނޑުން ޖާގަ ނުދިނުމަށް ގާސިމް ގޮވާލެއްވި އެވެ. "އެކަމަށް ޖާގަ ނުދިނުމަށްޓަކައި މި މަހުގެ 23 ވަނަ ދުވަހު އޮންނަ މުޒާހަރާގައި ތި ހުރިހާ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. ޖުމްހޫރީ ޕާޓީ އާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވެސް ތި ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން،" ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ އޭނާ އަކީ ބޮޑު މަގާމެއް ބޭނުންވެގެން އެކަމުގައި "ބަގުޑި ބައްދައިގެން" އުޅުއްވާނެ އަދި ކުރިމަގުގައި ވެސް އުޅުއްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އިސްލާހަށް މަސައްކަތް ކުރެވެން އޮތީ ކޮން ގޮތަކަށްތޯ ބަލައި އެ މަގުން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އެއްވެސް މީހަކަށް އާނ ދޮގޭ ކިޔާފައި ދިމާކޮށްގެން މަސައްކަތް ކުރާ މީހެއް ނޫން [އަޅުގަނޑަކީ]. އެހެނަސް އަޅުގަނޑު ކުރާ ކަންތައް ގެންދަނީ އަޅުގަނޑަށް ކުރެވެން އޮތްހާ ރަނގަޅަކަށް، އަޅުގަނޑަށް ކުރެވެން އޮތްހާ އިންސާފުވެރިކޮށް. އަޅުގަނޑަށް ކުރެވެން އޮތް އެންމެ މަތީ ދަރަޖައިގެ ވިސްނުމާއި ފިކުރާއި ހިޔާލުގެ މައްޗަށް ބިނާކޮށްގެން އެންމެ ރަނގަޅަށް،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކަނޑައެޅިގެން އެއްވެސް މީހަކަށް ދެރައެއް ދޭން މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ