ވަގަށް ނަގާފައި ހުރި ބައިލައްކަ ރުފިޔާގެ ކަރަންޓު ސާމާނުތަކަކާއި އެކު ބިދޭސީއަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައި ހުރި ކަމަށް ބެލެވޭ ބައިލައްކަ ރުފިޔާގެ އަގުހުރި ކަރަންޓު ސާމާނުތަކަކާއި އެކު ތުހުމަތު ކުރެވޭ ބިދޭސީ އަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި ހައްޔަރުކޮށްފައިވާ މީހާއަކީ އުމުރުން 43 އަހަރުގެ މީހެކެވެ.
އެތަކެތި ފުލުހުން ހޯދާފައިވަނީ މިމަހު 12 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހެންވޭރު ގެއެއްގައި ބިދޭސީން ދިރިއުޅޭ ކޮޓަރިއެއްގެ ތެރެއިން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ހޯދާފައިވާ ތަކެތީގެ ތެރޭގައި 38 އެޕޯލޯ ތަޅާއި 43 ރޯލު ކަރަންޓުނަރާއި ކޭޑީކޭ ފަސް ފަންކާއާއި 74 ސިންގަލް ސޮކެޓް ހިމެނެއެވެ. އޭގެ އިތުރުން 18 ކަރަންޓު ސޮކެޓާއި އޭބީ ބްރޭންޑުގެ 41 ބްރޭކަރާއި 133 ގޭންގް ބްރެކެޓްގެ އިތުރުން ހަތަރު ރޯލު ކަރަންޓު ފަލަ ނަރު ހިމެނެއެވެ.
އެތަކެތީގެ ތެރޭގައި ހިމެނޭ 38 އެޕޯލޯ ތަޅަކީ މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 43 އަހަރުގެ ބިދޭސީ މީހާ ވަޒީފާ އަދާކުރަމުންދާ ތަނުން އޭނާ ވަގަށް ނަގާފައިވާ އެއްޗެހި ކަމަށާއި އެތަކެތި މިހާރު އެތަކެތީގެ ވެރިފަރާތާއި ހަވާލު ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އެހެން ތަކެއްޗަކީ އެތަކެތީގެ ވެރިފަރާތެއް އެނގިފައި ނުވާތީ ހަވާލުނުކުރެވި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމަށާއި އެތަކެތީގެ ވެރި ފަރާތެއްވާނަމަ ފުލުހުންނަށް އެންގުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ