ޕީޕީއެމްގެ މެނިފެސްޓޯގައި ހުރި ކަންތައްތަކާއި އަދި އެ ޕާޓީއާ ގުޅިގެން މަސައްކަތްކުރާ އެހެން ޕާޓީތަކުގެ މެނިފެސްޓޯގައި ހުރި ކަންތައްތައް އިއްޔެ ތަންފީޒު ކުރައްވަން ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކޮށްލެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މައުމޫން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާއަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހިތްވަރު ދެއްވައި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވަން ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދެއްވުމުގަޔާއި އަދި ދެއްވަންވާ ހުރިހާ ސިޔާސީ އެއްބާރުލުމާއި ޕާޓީގެ ފަރާތުން ކޮށްދެއްވަންޖެހޭ ހުރިހާ ކަމެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮށްދެއްވުމުގެ ފުރިހަމަ ޔަގީންކަން ދެއްވުމަށްޓަކައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މެނިފެސްޓޯގައި ހުރި ކަންތައްތަކުގެ ފައިދާ ރައްޔިތުންނަށް ވީހާ އަވަހަކަށް ފެނިގެން ދިޔުމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. އަދި އެކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ މެންބަރުންނާއި، ގުޅިފައިވާ އިއްތިހާދުގައި ތިއްބެވި މެންބަރުންގެ އެއްބާރުލެއްވުން ބޭނުންފުޅުވާނެ ކަމުގައި ވިދާޅުވިއެވެ.
މެނިފެސްޓޯގައިވާ ކަންތައްތައް ހާސިލް ކުރުމުގައި އެންމެ ބޮޑަށް ބޭނުންވަނީ ފައިސާގެ ވަސީލަތް ކަމަށް ވިދާޅުވެ ފައިސާ ހޯދުމަށާއި އަދި ސަރުކާރުގެ ހަރަދުތައް ކުޑަކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މިބައްދަލުކުރެއްވުމަށްފަހު ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅުގައި މެނިފެސްޓޯގައިވާ ކަންތައްތައް ކުރިއަށް ގެންދެވުމަކީ ޕީޕީއެމްގެ ފަރާތުންވެސް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި އެ މަސައްކަތްތައް ވަރަށް ރަނގަޅަށް ފަށްޓަވައިގެން ކުރިއަށް ގެންދަވާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މިހާރު މިއުފެދުނު ސަރުކާރަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު ހިދްމަތްތަކެއް ކޮށްދޭނެ އަދި ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދޭނެ ސަރުކާރެއް ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ޕީޕީއެމްގެ މެނިފެސްޓޯ ތަންފީޒުކޮށްދިނުމަށް ރައީސަށް މައުމޫން ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ