މިދުޝާހުގެ މަރު އިތުރަށް ތަހުގީގު ކުރަން ލަންކާ ކޯޓުން އަންގައިފި

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ ޖައިކް ހިލްޓަން ހޮޓަލުގެ 18 ވަނަ ބުރިން ޖޫން މަހުގެ 13 ވަނަ ދުވަހު ވެއްޓި މަރުވި ގ.މާވެނި އުމުރުން 37 އަހަރުގެ މުހައްމަދު މިދުޝާހުގެ މަރު އިތުރަށް ތަހުގީގު ކުރުމަށް ލަންކާގެ ކޯޓުން އަންގައިފިއެވެ.
ސްރީލަންކާގެ ކޯޓަކުން މިގޮތަށް އަންގާފައިވަނީ މިދުޝާހުގެ މަރާއި ގުޅިގެން މިމަހުގެ ދިހަވަނަ ދުވަހު އޮތް އަޑުއެހުމުގައެވެ.
މިމަހުގެ ދިހަވަނަ ދުވަހު އޮތް އަޑުއެހުމުގައިވަނީ މިދުޝާހުގެ ޕޯސްޓްމޯޓަމު ރިޕޯޓު ކޯޓަށް ހުށަހަޅާފައެވެ. އެމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެކޯޓުގެ މެޖިސްޓްރޭޓް އަމުރު ކުރައްވާފައިވަނީ ރިޕޯޓުގައި ފާހަގަ ކޮށްފައި ހުރި ކަންތައްތަކަކާއި ގުޅިގެންނެވެ.
ޕޯސްޓްމޯޓަމު ރިޕޯޓު ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް އަދި އެރިޕޯޓު ލަންކާ ފުލުހުންނަށް ނުލިބެއެވެ. ސީއެންއެމަށް މައުލޫމާތުދެއްވަމުން އެމައްސަލަ ތަހުގީގު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވާ ސްލޭވް އައިލެންޑް ޕޮލިސްގެ ޗީފް އިނިސްޕެކްޓަރު އާރިޔަ ސިންގު ވިދާޅުވީ އެމައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ.
އާރިޔަ ސިންގު ވިދާޅުވީ ޕޯސްޓް މޯޓަމު ރިޕޯޓު ލިބުމުން މިދުޝާހު މަރުވީ ސަބަބު އެނގޭނެ ކަމަށެވެ.
މިދުޝާހުގެ މަރާއި ގުޅިގެން ފުލުހުންވަނީ ލަންކާ ދެ އަންހެނަކާއި ހަ ދިވެއްސަކު އަދި މަޑަގަސްކަރައިގެ އަންހެނަކު ހައްޔަރުކޮށްފައެވެ.
މިމަހުގެ 10 ވަނަ ދުވަހު އޮތް އަޑުއެހުމަށް ހުރިހާ އެންމެން ވެސް ހާޒިރުވިއެވެ.
މިމައްސަލާގައި ހިމެނޭ ހަ ދިވެހިންނާއި މަޑަގަސްކަރައިގެ އަންހެން މީހާވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. ނަމަވެސް ލަންކާ ދެއަންހެން ކުދިންގެ މައްޗަށްދަނީ ހަށިވިއްކި މައްސަލައެއްގައި ދައުވާ ކުރަމުންނެވެ. ނަމަވެސް އެއީ މިދުޝާހުގެ މަރާއި ގުޅުން ހުރި މައްސަލައެއް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ