ގާސިމް ރައީސްކަމުގެ ހުވާކުރައްވާނެ ކަމަށް ގޮވި ޕިކަޕު ހިފަހައްޓައި ޑްރައިވަރު ހައްޔަރުކޮށްފި
މާދަމާ ރޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސްކަމުގެ ހުވާކުރައްވާނެ ކަަމަށް މާލޭގެ މަގުތަކުގައި ގޮވަމުން ދިޔަ ޕިކަޕެއް ހިފަހައްޓައި، ފުލުހުން އެ ޕިކަޕުގެ ޑްރައިވަރު މިރޭ ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، އަޑުގަދަކުރާ ބޭނުންކޮށްގެން މަގުތަކުގައި އަޑުގަދަކުރަމުން ދިޔަ ޕިކަޕެއް ހިފަހައްޓައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ. އެ ޕިކަޕު ދުއްވީ، މާދަމާ ރޭ 9:00 ގާސިމް ހުވާކުރައްވާނެ ކަމަށް ލިއެފައިވާ ޕޯސްޓަރުތަކަކާ އެކުގަ އެވެ. އަދި ގާސިމް ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައި ކަމަށް ވެސް ގޮވި އެވެ. އެ ޕިކަޕު ހިފަހައްޓާފައިވާ އިރު، ޖުމްހޫރީ ޕާޓީން މިރޭ ބުނީ އެއީ އެ ޕާޓީއާ ގުޅުން ހުރި ޕިކަޕެއް ނޫން ކަމަށެވެ. ގާސިމް މާދަމާ ރޭ ރައީސްކަމުގެ ހުވާކުރައްވާނެ ކަމަށް ގޮވާފައި މިވަނީ، ގާނޫނުއަސާސީގެ ދިފާއުގައި ކަމަށް ބުނެ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން މާދަމާ މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވެފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ