ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފި
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ދެންމެ ފަށައިފި އެވެ. މި އިންތިހާބުގައި ވޯޓުލުމަށް ވަނީ 2،555 މީހަކު ރަޖިސްޓްރީކޮށްފަ އެވެ. މާލޭގައި ތިބި ދިއްގަރު ދާއިރާގެ މީހުން ވޯޓުލުމަށް ވޯޓު ފޮށި ބަހައްޓާފައި ވަނީ އިސްކަންދަރު ސްކޫލްގަ އެވެ. މާލޭގައި ވޯޓުލުމަށް ވަނީ 573 މީހަކު ރަޖިސްޓްރީކޮށްފަ އެވެ. ދިއްގަރުގައި ވޯޓުލުމަަށް 823 މީހަކު ރަޖިސްޓްރީ ކޮށްފައިވާއިރު މަޑުއްވަރީގައި 303، ރަތްމަންދޫގައި 112، ވޭވަށުގައި 170 އަދި މުލީގައި ވޯޓުލުމަށް ވަނީ 574 މީހަކު ރަޖިސްޓްރީކޮށްފަ އެވެ. އިންތިހާބުގައި ވާދަކުރައްވަނީ އަމިއްލަ ގޮތުން ވާދަ ކުރިމަތިލައްވާފަައިވާ މޫސާ ނަސީރު އަހުމަދާއި އަދި ޝަމީމް އަލީގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރާޒީ އާއި ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ އަހުމަދު ފާރިސް މައުމޫނެވެ. ދިއްގަރު ސްކޫލްގައި ވޯޓުލުމަށް ބަޔަކު މިއަދު ފަތިހުއްސުރެ ކިޔޫ ހަދާފައި.---ހަވީރު ފޮޓޯ: މުރުޝިދު އަބްދުލްހަކީމް ވޯޓުލުން ކުރިއަށް ގެންދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00އާ ހަމައަށެވެ. ވޯޓު ގުނަން ފަށާނީ، ވޯޓުލައި ނިމޭތާ 30 މިނިޓް ފަހުންނެވެ. މި ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރާނީ ދިއްގަރުގަ އެވެ. މިއީ އިންތިހާބެއްގައި މާލެއިން ބޭރުގައި ނަތީޖާ އިއުލާންކުރާ ފުރަތަމަ ފަހަރެވެ. ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ބައެއް މައުލޫމާތު: ވޯޓުލުމަށް ރަޖިސްޓްރީ ކުރި ޖުމްލަ 2،555ވޯޓުލުން ކުރިއަށް ގެންދާނީ ހެނދުނު 8 އިން ހަވީރު 4 އަށްވޯޓު ގުނަން ފަށާނީ ހަވީރު 4:30ގައިމާލޭގެ އިތުރުން ދާއިރާގެ ފަސް ރަށެއްގައި ވޯޓުލުން ކުރިއަށް ގެންދާނެމާލޭގައި ވޯޓުލުން އޮތީ އިސްކަންދަރު ސްކޫލްގައިވަގުތީ ނަތީޖާ އިއުލާން ކުރާނީ މިރޭ 8:30 ގައި ދިއްގަރުގައި ހަތަރު ކެންޑިޑޭޓުން ވަނީ އިއްޔެގެ ހަވީރު 6:00އާ ހަމައަށް ފޯރިގަދަ އަދި ވަރަށް ވާދަވެރި ކެމްޕެއިނެއް ނިންމާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ