ރައްޔިތުންގެ މަޖުލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހައްޔަރު ކުރަން ފުލުހުންގެ މައްޗަށް ކޯޓުން އަމުރު ނެރެފައިވަނީ މައްސަލަ ބައްލަވާ ގާޒީ ފުރިހަމަ ކުރައްވަންޖެހ ބައެއް އިޖުރާއަތުތައް ފުރިހަމަ ނުކުރައްވާ ގަވައިދާ ހިލާފަށް ކަމަށް ޖާބިރުގެ އާއިލާއިން ބުނެފި އެވެ.
ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވީ ޖާބިރުގެ މައްޗަށް ޝަރީއަތް ހިންގަވާ ގާޒީ، ޖާބިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރުއްވާފައި ވަނީ ބައެއް އިޖުރާއަތުތައް ފުރިހަމަ ނުކުރައްވާ ގަވައިދާ ހިލާފަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި މާދަމާ އޮންނަ ޝަރީއަތުގެ އަޑުއެހުމުގައި ޖާބިރުގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްދެއްވުމަށް ޖާބިރުގެ ގާނޫނީ ޓީމުން ކޯޓުގައި އެދޭނެ ކަމަށެވެ.
ދިޔާނާ ވިދާޅުވީ ގާޒީ އަމަލު ކުރައްވާފައި ވަނީ ކޯޓުތަކާބެހޭ ގާނޫނުގައި މީހުން ކޯޓަށް ހާޒިރު ކުރުމުގެ ގަވައިދާ، ކޯޓަށް ހާޒިރު ކުރަން ހަވާލުކުރާ ޗިޓު ރައްދު ކުރުމަށް ކުރަންޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ. މާދަމާ އޮންނަ އަޑުއެހުމުގައި ޖާބިރުގެ ގާނޫނީ ޓީމުން އެ ނުކުތާ ފާހަގަކުރައްވާނެ ކަމަށެވެ.
"ޖާބިރުގެ މައްސަލަބައްލަވާ ގާޒީ ޖާބިރު ހައްޔަރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރީ ކޯޓުތަކާބެހޭ ގާނޫނުގައި މީހުން ކޯޓަށް ހާޒިރުކުރުމުގެ ގަވައިދާ ހިލާފަށް. ކޯޓުގެ ޗިޓު ރައްދުކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ނުކުރޭ،" ދިޔާނާ ވިދާޅުވި އެވެ.
ޖާބިރުގެ މައްސަލަ ބަލާ ގާޒީ ބަދަލު ކުރަން އެދޭނަން: ދިޔާނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ