ޕާޓީ ބަދަލު ކުރާ އިރު ބަޔާން ބޭނުން ނުވާ ގޮތަށް ކޮމިޓީން ނިންމައިފި

އެއްޕާޓީން އަނެއް ޕާޓީއަށް ބަދަލުވާ އިރު ޕާޓީ ބަދަލު ކުރަން ބޭނުންވާ ކަމަށް ބުނެ ސޮއިކޮށްފައިވާ ބަޔާނެއް ހުށަހަޅަން ނުޖެހޭ ގޮތަށް މިނިވަން މުއައްސަސާތަކައި ބެހޭ ކޮމިޓީން ނިންމައިފިއެވެ.
ކޮމިޓީން މިގޮތަށް ނިންމާފައިވަނީ ހަތަރު ކަމެއް ފާހަގަކޮށް އިލެކްޝަނުން އެކޮމިޓީގެ ލަފަޔަކަށް އެދި ފޮނުވާފައިވާ ސިޓީއާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށްފަހު މިއަދުއެވެ.
ކޮމިޓީގެ ނައިބު މުގައްރިރު އަހުމަދު ސަމީރު މިއަދު ވިދާޅުވީ ކޮމިޓީން އެގޮތަށް ނިންމާފައިވަނީ އެގޮތަށް އަމަލު ކުރެވިދާނެ ކަމަށް ކޮމިޝަނަށް ފެންނަ ކަމަށް އެސިޓީގައި ފާހަގަކޮށްފައިވާތީ ކޮމިޝަނަށް ފަސޭހަ ގޮތަކަށް އަމަލު ކުރުމަށް މެމްބަރުން ތާއިދު ކުރައްވައިގެން ކަމަށެވެ.
އެއްޕާޓީން އަނެއް ޕާޓީއަށް ބަދަލުވާ އިރު ދެހެކިންގެ ސޮއިގެ އިތުރުން ޕާޓީ ބަދަލު ކުރަން ބޭނުންވާ މީހާ ސޮއިކޮށްފައިވާ ބަޔާނެއް ވެސް މީގެ ކުރިން ޕާޓީ ބަދަލު ކުރާ އިރު ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ.
ޕާޓީ ބަދަލު ކުރާ އިރު ބަޔާން ބޭނުން ހުށަހަޅަން ނުޖެހޭ ގޮތަށް ކޮމިޓީން ނިންމާފައިވާ އިރު ޕާޓީތަކަށް ސޮއި ކުރާ ފޯމުގައި އިނގިލީގެ ނިޝާން ވެސް ޖަހަން ނުޖެހޭނެ ކަމަށް ކޮމިޓީންވަނީ ނިންމާފައެވެ. އަދި އެނިންމުމަށް ކޮމިޝަނުންވަނީ އަމަލު ވެސް ކުރަން ފަށާފައެވެ.،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ