ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަން ޝަރީފް ހުށަހެޅި އިސްލާހާ މެދު އެމްޑީޕީގެ ތެރޭގައި ޚިޔާލު ތަފާތު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރަން އިދިކޮޅު އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިސްލާހާ މެދު އެ ޕާޓީގެ މަޖިލިހުގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެއްޖެ އެވެ. އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވީ ޝަރީފް އެ އިސްލާހު ހުށަހެޅުއްވީ ގްރޫޕުން ނިންމައިގެން ނޫން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ބެންޗަށް އިސްލާހެއް ހުށަހެޅުމުގެ ކުރިން ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ގޮތެއް ނިންމަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ބެންޗުގެ މައްސަލަ އަކީ ޕާޓީގެ ޕޮލިސީ ލެވެލްގައި ނިންމަން ޖެހޭ މައްސަލައެއް،" އިބޫ ވިދާޅުވި އެވެ. އެ އިސްލާހު ޝަރީފް އަމިއްލަ ގޮތުން ހުށަހަޅުއްވާފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި އެ އިސްލާހުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިއުލާން ކުރެއްވި ފަހުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރުންނާ ބައްދަލުކުރައްވައި، އެ އިސްލާހު އަނބުރާ ގެންނަވަން އެދިވަޑައިގެންފަ އެވެ. އެކަމަކު "ހަވީރަ"ށް އެނގިފައިވާ ގޮތުގައި އިސްލާހު އަނބުރާ ގެނައުމާ މެދު މެމްބަރުންގެ މެދުގައި ވެސް ޚިޔާލު ތަފާތުވި އެވެ. އެގޮތުން ބައެއް މެމްބަރުން ވިދާޅުވި ކަމަށް ވަނީ އިސްލާހު ނުގެނަޔަސް ޕީޕީއެމްގެ ތާއީދު ނެތި އެ ފާސްނުވާނެ ކަމަށެވެ. އަދި އިސްލާހު އަނބުރާ ނުގެނައުމަށް ޝަރީފަށް ބައެއް މެމްބަރުންގެ ތާއީދު ވެސް ލިބުނެވެ. އެގޮތަށް މެމްބަރުން ވިދާޅުވީ، ޕީޕީއެމުން އެ ބިލަށް ތާއީދުނުކުރާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. ރޭ އެމްޑީޕީން ބޭއްވި އެއްވުމެއްގައި ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ "އަތްޕުޅަށް ހެޔޮވަރަށް ސުޕްރީމް ކޯޓު ކޮށައި މަށާލުމަށް" ޕީޕީއެމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އެމްޑީޕީގެ މެމްބަރަކު އެ އިސްހާލު ހުށަހެޅުއްވީ ކީއްވެގެން ކަމެއް ވިދާޅެއް ނުވެ އެވެ. އެމްޑީޕީން ރޭ މާލޭގައި ބޭއްވި ބައްދަލުވުމުގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ: ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ހުށަހެޅުއްވި އިސްލާހު އަނބުރާ ގެނައުމަށް ނަޝީދު ބާރު އަޅުއްވާ ކަމަށް އެނގިފައިވޭ.---ހަވީރު ފޮޓޯ: ނިޝާން އަލީ ނަޝީދު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަން ޕީޕީއެމުން ކުރަމުން އަންނަ މަސައްކަތަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެގޮތަށް ޕީޕީއެމުން މަސައްކަތް ފެށީ ގާނޫނު އަސާސީއާ ހިލާފަށް އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ވަކިކުރެއްވި މައްސަލަ އަމިއްލަ މީހަކު ސުޕްރީމް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ބަލައިގަނެފައިވާތީ އެވެ. "އެ މައްސަލަ ބަލައިގަތުމާ އެކުގައި ސުޕްރީމް ކޯޓު ހަލާލުކޮށްލަން ސަރުކާރުން މިވަނީ ނުކުމެފައި. ވަރަށް ސާފުކޮށް އެނގެން ޖެހޭ ސުޕްރީމް ކޯޓު އިސްލާހުކުރުމުގެ ނިޔަތުގައި އެ ކޯޓު ނިކަން ރަނގަޅަށް އެ ބޭފުޅާ [ރައީސް ޔާމީން]ގެ އަތަށް ހެޔޮވަރަށް މަށާލުމުގެ ފުރުސަތުދީގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް އިސްލާހު ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅުއްވީ އެމްޑީޕީން ވެސް ތާއީދުކުރާ ކަމަކަށް ވާތީ ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން މީގެ ކުރިން އެމްޑީޕީގެ އިސް ފަރާތްތަކުން ވެސް ވާހަކަ ދައްކާފައިވެ އެވެ. އިބޫ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ވިސްނުމެއް ކުރިން ގެންގުޅުނަސް ފަހުން ވަނީ އެކަން މަޑުޖައްސާލައިފަ އެވެ. އަދި އެ މައްސަލާގައި ޕީޖީ ގްރޫޕުން ދެން އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ގައުމީ ހިންގާ ކޮމިޓީން ވަކި ގޮތެއް ނިންމުމުން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދ މެންދުރު 2:00ގައި ބާއްވަން ވަނީ ނިންމައިފަ އެވެ. މި މައްސަލާގައި ޝަރީފްގެ ބަހެއް ލިބޭ ގޮތް އަދި ނުވެ އެވެ. އެހެން ނަމަވެސް މި އިސްލާހު އަނބުރާ ގެނައުމަށް އެމްޑީޕީގެ ލީޑަޝޕުން، ހާއްސަކޮށް ނަޝީދު ގެންދަވަނީ ޝަރީފަށް "މަޖުބޫރު ކުރައްވަމުން" ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރަކު "ހަވީރަ"ށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ