އަލީ ހަމީދުގެ މައްސަލަ ސާބިތު ނުވާ ކަމަށް ޖޭއެސްސީން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ތުހުމަތު ކުރެވޭ ބަދުއަހުލާގީ މައްސަލަ ސާބިތު ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ. ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ކަސްބީ އަންހެނުންތަކާ އެކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯގައި ހުރީ އަލީ ހަމީދު ކަން ކަށަވަރު ނުވާ ކަމަށް ފުލުހުންގެ ފޮރެންސިކް ސާވިސް ޑައިރެކްޓަރޭޓުން ކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހެކި ލިބިފައި ނުވާ ކަމަށް ބުނެ ފުލުހުން ތަހުގީގު ނިންމާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. މީގެ އިތުރުން، ކުށެއް ސާބިތު ނުވަނީސް މީހަކާ މެދު ފިޔަވަޅެއް އެޅިދާނެ ކަމަށް ނުފެންނަ ކަމަށާ އަދި ޒިނޭ އާއި ގަޒްފުގެ ތުހުމަތެއް މީހެއްގެ މައްޗަށް ކުރެވޭއިރު ފުރިހަމަވާން ޖެހޭ "އަނާސިރުތައް" ހޯދުމުގައި އަމަލުކުރަން އޮންނަ އިޖްރައާތު ފުރިހަމަ ނުވާ ކަމަށް ފުލުހުން ބުނާ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައިވަނީ، ކެމެރާއަކުން ވީޑިއޯކުރާ ކްލިޕްތަކާއި ފޯން ކޯލްތަކުގައި ދައްކާ ވާހަކަތަކަކީ ތުހުމަތު ކުރެވޭ ފަރާތަކާ ދެކޮޅަށް ގާނޫނީ އިމުގެ ތެރެއިން ބޭނުން ކުރެވިދާނެ އެއްޗެއް ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ކުރުމުގެ ބާރު ނެތް ފަރާތަކަށް އެކަން ކުރުން ހުއްދަ ނުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. "އެކަން ވާނީ ޝަރުއުގައި މަނާ ކުރައްވާފައިވާ ޖާސޫސް ކުރުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައިވާތީ އަދި ކޮމިޝަނުން ތަހްގީގު ކުރަމުންދާ މި މައްސަލައިގައި ހިމެނޭ ވީޑިއޯ ނަގާފައިވަނީ ގާނޫނީ ގޮތުން އެކަން ކުރުމުގެ ބާރު ލިބިފައިވާ ފަރާތަކުންކަން އެނގެން ނެތް ހިނދު..." ބަޔާނުގައިވެ އެވެ. މީގެ އިތުރުން، އެއްވެސް މީހަކާ މެދު އިދާރީ ފިޔަވަޅެއް އަޅަންޖެހޭނީ ހެކި ލިބިގެން އެ މީހެއްގެ މައްޗަށް އެކަން ސާބިތުވެފައި އޮވެގެން ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ ކަން ވެސް ޖޭއެސްސީން ފާހަގަކޮށްފައިވެ އެވެ. އެ ކަންކަމަށް ރިއާޔަތްކޮށް، ޖޭއެސްސީން ނިންމީ ފަނޑިޔާރުންގެ ސުލޫކާ ހިލާފް އަމަލެއް އަލީ ހަމީދު ހިންގިކަން ސާބިތު ނުވާ ކަމަށެވެ. އެ ގޮތަށް ނިންމީ، އެ މައްސަލަ ތަހުގީގު ކުރަން އެކުލަވާލި ކޮމެޓީން ހުށަހެޅި ރިޕޯޓްގެ މައްޗަށް ބިނާކޮށް ކަމަށް ޖޭއެސްސީން ބުންޏެވެ. "ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ކޮމިޝަނުން ނިންމައިފި އެވެ،" ބަޔާނުގައިވެ އެވެ. އެ މައްސަލަ ޖޭއެސްސީން ބަލަން ފެށުމުން އެ މައްސަލަ ނިމެންދެން އަލީ ހަމީދު ސަސްޕެންޑް ކުރަން އެ މައްސަލަ ބަލާ ފަސް މެމްބަރުންގެ ކޮމެޓީން ކޮމިޝަނަށް ހުށަހެޅި ނަމަވެސް އެ ހުށަހެޅުން ވަނީ ފާސް ނުވެފަ އެވެ. އަލީ ހަމީދުގެ މައްޗަށް އެ ތުހުމަތު ކުރެވުނު ފަހުން ވެސް އޭނާ ޝަރީއަތްތައް ހިންގަވަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ޖުޑީޝަރީ އަށް އަމާޒުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ