ކަރަންޓް ސަބްސިޑީ އަށް އެދުމުގެ މުއްދަތު އިތުރުކުރާކަށް ނުވިސްނަން: އެންސްޕާ

ކަރަންޓް ސަބްސިޑީ އަށް އެދި ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކުރަން ވިސްނާފައި ނުވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ސީއީއޯ މުޖުތަބާ ޖަލީލް މިއަދު ވިދާޅުވެއްޖެ އެވެ. ކަރަންޓް ސަބްސިޑީ އަށް އަލުން ރަޖިސްޓްރީ ކުރުމަށް މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި މުއްދަތު އަންނަ ބުރާސްފަތި ދުވަހު ހަމަވާނެ އެވެ. މުޖުތަބާ މިއަދު "ހަވީރަ"ށް ވިދާޅުވީ ކަރަންޓް ސަބްސިޑީ އަށް އެދެން ބޭނުންވާ މީހުން ކަނޑައަޅާފައި އޮތް ތާރީހުގައި ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ. ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ސަބްސިޑީ ދޫކުރާނީ، އޭނާ ވިދާޅުވި ގޮތުގައި، އެންސްޕާ އިން ކަނޑައަޅާ އުސޫލެއްގެ ދަށުން، އޭގެ އެންމެ ހައްގުވެރިންނަށެވެ. އޭނާ ވިދާޅުވީ ކަރަންޓް ސަބްސިޑީ ދޫކުރާނެ ވަކި އުސޫލެއް އަދި ކަނޑައަޅާފައި ނުވާ ކަމަށާއި އެ އުސޫލް މިހާރު އެކުލަވާލަމުން އަންނަ ކަމަށެވެ. "[ސަބްސިޑީ ދޭނެ އުސޫލް ކަނޑައަޅާއިރު] ފޯމުގައި ހުރި ހުރިހާ ކަންތައްތަކަށް އަޅުގަނޑުމެން ބަލާނަން،" އޭނާ ވިދާޅުވި އެވެ. ސަބްސިޑީ ފޯމުގައި، ބައެއް ބޭކާރު ސުވާލުތައް ހިމަނާފައިވާ ކަމަށް އާއްމުން ކުރާ ޝަކުވާ އަށް ވެސް މުޖުތަބާ ރައްދުދެއްވި އެވެ. "މި ފޯމަކީ ވޯލްޑް ބޭންކުގެ ޓެކްނިކަލް އެހީތެރިކަމާ އެކު އަޅުގަނޑުމެންގެ ކޮންސަލްޓެންޓުން ތައްޔާރުކޮށްފައިވާ ފޯމެއް. އަދި މި ފޯމަކީ ރާއްޖޭގެ އެކި ދިމާލުގައި ޓެސްޓްކުރެވި ދިވެހިން ލައްވައި ފުރުވާފައި ފީޑްބެކް ނަގާފައި އަލުން ރިވިއުކޮށްފައި އީވައިސީ [އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް] އިން ވެސް އެޕްރޫވްކޮށްފައިވާ ފޯމެއް،" މުޖުތަބާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފޯމުގައި ހުރި މައުލޫމާތުތަކަކީ، ކަރަންޓް ވިއުގަ ހަރުދަނާކުރަން، ދިރާސާއެއް ހަދަން ބޭނުންވި ނަމަވެސް ބޭނުން ހިފޭނެ މައުލޫމާތުތަކެއް ހިމެނޭ ފޯމެކެވެ. އެންސްޕާ އިން ބުނެފައިވާ ގޮތުގައި، ކަރަންޓް ސަބްސިޑީ އަށް ފޯމު ހުށަހަހަޅަން ހުޅުވާލީ، މުއްސަނދިންނަށް ސަބްސިޑީ ދިނުން ހުއްޓާލައި ހައްގުވެރިންނަށް ދިނުމަށެވެ. ރާއްޖޭގައި މިހާތަނަށް ސަބްސިޑީ ދެމުން އައީ ހައްގުވާ މީހުންގެ ތެރެއިން އެންމެ 12 ޕަސެންޓް މީހުންނަށް ކަމަށް ވޯލްޑް ބޭންކްގެ ރިޕޯޓެއްގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ