މެމްބަރު ނާޒިމް 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި
މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވާކަން ކަނޑައަޅައި، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް 25 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ. މި ހުކުމާ އެކު މެމްބަރުކަމުގެ ގޮނޑި ނާޒިމަށް ވަނީ ގެއްލިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމްގެ މައްޗަށް މި ހުކުމް އައީ ކުރީގެ އެޓޮލްސް މިނިސްޓްރީން 15،000 ދިދަ ގަތުމަށް ޑިސެމްބަރު 31، 2003 ގައި ކުރި އިއުލާނަކާ ގުޅިގެން، ނާޒިމް މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން، އޮޅުވާލައިގެން އެ ބިޑް ކާމިޔާބު ކުރުމުންނެވެ. ދިދަ ގަތުމަށް ލިބުނު 1،425،000 ރުފިޔާއަކީ ކުންފުނި ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ނާޒިމް މަކަރާއި ހީލަތުން ހޯދާފައިވާ އެއްޗެއްކަން ހެކިންގެ ހެކިބަހުންނާއި ކިތާބީ ހެކިތަކުން ސާފުކޮށް ފެންނަން އޮތް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ބެއްލެވި އެ މައްސަލާގެ ހުކުމުގައި ބުނެފައިވެ އެވެ. ކުންފުނީގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ނުވާ ސީވިއު ޕްރައިވެޓް މޯލްޑިވްސް އާއި މާލެގަމު ޓެއިލާސް އާއި ފާސްޓް ޓެއިލާސް އަދި ނީޑްލް ވޯކް ޓެއިލާސްގެ ނަމުގައި ބިޑަށް ކުރިމަތިލުމަށް ލިޔުންތައް ތައްޔާރުކުރީ ނަމީރާގެ އޮފީސް ތެރެއިން ނާޒިމާއި އެ ކުންފުނީގެ އިސް ވެރިން ރާވައިގެން ކަމަށާއި އެކަމުގައި ޒިންމާވާން ޖެހޭ ފަރާތަކީ ނާޒިމް ކަމަށް ހުކުމުގައިވެ އެވެ. އޭގެ ތެރެއިން ބިޑް ކާމިޔާބުކުރި ކުންފުންޏަށް ލިބުނު 1.4 މިލިއަން ރުފިޔާ ޖަމާކޮށްފައިވަނީ ނާޒިމްގެ ހިއްސާ އޮންނަ ނޭޒަ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށާއި އަދި އޭގެ ތެރެއިން ބައެއް ފައިސާ ނަގައި، ނަމީރާގެ އެކައުންޓަށް ފަހުން ޖަމާކޮށްފައިވާކަން ބޭންކުގެ ލިޔުންތަކާއި އެހެނިހެން ލިޔުންތަކުން އެނގޭ ކަން ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ. ޖަލަށް ލާން ހުކުމް ކުރުމާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިން މިރޭ ލޯންޗެއްގައި ނާޒިމް ގެންދަނީ.--ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން އޭގެ އިތުރުން ވުޖޫދުގައި ނެތް ކުންފުނިތަކަކުން އެކި ނަންމުގައި ބިޑަށް ކުރިމަތިލި ނަމަވެސް އޭގައި ޖަހާފައިވާ ނަންބަރުތަކަކީ ނަމީރާ ކުންފުނީގައި ބޭނުންކުރި ފޯނު ލައިންގެ ނަންބަރުތައް ކަމާއި މެނޭޖިން ޑިރެކްޓަރުންގެ ނަމުގައި ސޮއި ކޮށްފައިވަނީ ނަމީރާ ކުންފުނީގެ މުވައްޒަފުންކަން ހެކިންގެ ހެކިބަހުންނާއި ލިޔުންތަކުން ފެންނަން އޮތްކަން ވެސް ހުކުމުގައިވެ އެވެ. އެކަމުގައި ނަމީރާ ކުންފުނީގެ މުވައްޒަފުން ކުރީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރި ކަންކަން ކަމަށާއި އެ އަމަލުގައި ބައިވެރިވި އެއްވެސް މުވައްޒަފެއްގެ އަމިއްލަ ފައިދާ ހޯދުމުގެ މަގުސަދެއް އޭގައި ނެތްކަން އެނގޭ ކަމަށް ވެސް ހުކުމުގައިވެ އެވެ. ދިދަ ގަތުމަށް ހިންގި މުއާމަލާތުގެ ދައުވާ ކްރިމިނަލް ކޯޓުގައި އުފުލުމުން އެ ކޯޓުން ނިންމީ އެއީ ނާޒިމްގެ މައްޗަށް އެކަނި ކުރެވޭނެ ދައުވާއެއް ނޫން ކަމަށެވެ. އަދި އެ ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވެ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އަނެއް ދެ ކޯޓުން ހުކުމްކުރީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަލައެއްގައި ނާޒިމްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވެ އެވެ. އެހެންކަމުން އަދި އިތުރު ތިން މައްސަލައެއް ސުޕްރީމް ކޯޓުގައި އެބަ އޮތެވެ. އެއީ 220 ބަނދަރު ބައްތި ގަތުމަށާއި މިސްކިތްތަކަށް ސައުންޑް ސިސްޓަމްތަކެއް ގަތުމަށާއި އިތުރު 15،000 ދިދަ ގަތުމަށް އެޓޮލްސް މިނިސްޓްރީން ކުރި އިއުލާންތަކަކާ ގުޅިގެން މަކަރާއި ހީލަތުން އެ ޕްރޮޖެކްޓުތައް ކާމިޔާބުކުރި ކަމަށް ބުނާ ތިން މައްސަލައެކެވެ. އެ މައްސަލަތައް ވެސް ވަނީ ހުކުމާ ހިސާބަށް ގޮސްފަ އެވެ. ހުކުމްކުރިތާ ދެ ގަޑިއިރު ފަހުން ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ބެލުމުގެ ދަށުން ނާޒިމް ކޯޓުން ނެރެ، ލޯންޗެއްގައި ގެންދިޔައީ ހިންމަފުށީ އައްސޭރި ޖަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ