މ. އަތޮޅާއި ތިމަރަފުށީ ގޮނޑިން އަޅުގަނޑުމެން މަހުރޫމްކުރަން އެމްޑީޕީން ބޭނުންވޭ: ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާ އާއި ދިއްގަރު ދާއިރާ އަދި ތިމަރަފުށީ ދާއިރާގެ ގޮނޑިން ޑީއާރުޕީ ނުވަތަ އޭރުގެ ޕީއޭ މަހުރޫމްކުރުމަށް އެމްޑީޕީ އަށް ލަފާ ދޭ ފަރާތްތަކުން 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލަފާ ދީފައިވާ ކަމަށް މުލަކު މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ލީޑަރު އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ. ހޮނިހިރު ދުވަހު ބޭއްވި މަޖިލީހުގެ ބައި އިލެކްޝަންގައި ތަފާތު ބޮޑުކޮށް ޕީޕީއެމްގެ އަހުމަދު ޝަރީފު އާދަމް ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވުމާ ގުޅިގެން އެކަމުގެ އުފަލުގައި ތ. ގުރައިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އޭނާ އާއި ދިއްގަރު ދާއިރާގެ އަހުމަދު ނާޒިމާއި ތިމަރަފުށީ ގޮނޑި އަށް ޑީއާރުޕީގެ ނަމުގައި ކުރިން ވާދަކުރެއްވި މުހައްމަދު ޣައްސާން މައުމޫން މަޖިލީހަށް ހޮވިވަޑައިގަތުމަކީ އެމްޑީޕީ އަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އެމްޑީޕީ އަށް ލަފާދޭ ފަރާތްތަކުން ލަފާދީފައިވާ ކަމަށެވެ. "އެހެންވީމަ މި ތިން ގޮނޑި އަކީ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން އެންމެ ގަދައަށް ފާރަވެރިކަމާއެކު މަސައްކަތްކުރަމުން ދިޔަ ތިން ގޮނޑި. މި ތިން ގޮނޑި އަޅުގަނޑުމެންނަށް މަހުރޫމްކުރަން އެ މީހުންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި. އެހެން ނަމަވެސް ﷲގެ ތަނަވަސް ރަހުމަތް އެމްޑީޕީ އަށް އެކަން ކާމިޔާބު ކުރާކަށް މިންވަރެއް ނުކުރެއްވި. އަޅުގަނޑުމެން ވަރަށް ދެރަވި ޣައްސާނަށް ތިމަރަފުށީ ގޮނޑި ކާމިޔާބުނުވީމަ. އެހެން ނަމަވެސް އެއާ އެކީގައި އަޅުގަނޑުމެން މަސައްކަތްކުރަމުން އައީ. އާޚިރުގައި ހައްގަށް ނަސްރު ލިބިގެން މި ދިޔައީ. އަޅުގަނޑުމެން ވަރަށް ފަހުރުވެރިވާ ގޮނޑިއެއް ތިމަރަފުށީ ގޮނޑި މިއީ،" ޔާމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ "ރަން ގޮނޑި" އަށް ޝަރީފް އިންތިހާބުވެ ތިމަރަފުށީ ދާއިރާ އަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް ޔަގީންކުރައްވާ ކަމަށެވެ. ރޭގެ ޖަލްސާ ގައި ޔާމީން ވަނީ ގަދަ ބަސް ބުނުމާއި "ހަރުކަށިކަން" ދޫކޮށްލުމަށް އެމްޑީޕީ އަށް ގޮވާލައްވައިފަ އެވެ. އޭގެ ބަދަލުގައި ރައްޔިތުންނާއެކު މަސައްކަތްކުރެވޭ، ގާބިލް ޕާޓީއެއްކަން އެމްޑީޕީން ދައްކަންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ. "އެއްގޮތަކަށް ވެސް ތަންތަން ރޯކޮށް، ތަންތަން ތަޅައި ދިވެހިރާއްޖޭގައި އޮތް ތަހުޒީބު ދުއްވާލަން މަސައްކަތްކުރާ ބަޔަކަށް ވެގެން އެމްޑީޕީއަކަށް ކާމިޔާބު ނުވާނެކަން އެމްޑީޕީ އަށް މިއަދު އެނގެން ބޭނުންވޭ. ތިން އަހަރުގެ އަނދިރި ތާރީހެއް އަޅުގަނޑުމެންނަށް ދާދި އިހައް ދުވަހު އަލްވަދާއު ކިޔާފައި އެ ދިޔައީ. ތިން އަހަރު ތެރޭގައި ރާއްޖެ އަށް އައިސްފައި ވަނީ ކޮން ކުރިއެރުމެއްތޯ ސުވާލުކުރައްވާ ކޮންމެ ބޭފުޅަކު ވެސް. ތިން އަހަރުގެ ތެރޭގައި ވަކިވަކި ފަރުދުންގެ ޖީބަށް، އެމްޑީޕީގެ ބައެއް ބޭފުޅުންގެ ޖީބުތަކަށް ތަނަވަސްކަން އައި. ތިން އަހަރުގެ ތެރޭގައި ރާއްޖެ މި އޮތީ ބަނޑަށް ޖެހިފައި. ތިން އަހަރު ތެރޭގައި ރާއްޖޭގެ އިގުތިސާދު މި އޮތީ ފުނޑިފައި. ތިން އަހަރު ތެރޭގައި ރާއްޖޭގެ މަސްވެރިކަން ފިލައިގެން ހިނގައްޖެ. ތިން އަހަރު ތެރޭގައި ރާއްޖެ އަށް އަލަށް އައި ތަރައްގީއެއް ނެތް،" ޔާމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައި ވަޑައިގަތީ ރާއްޖޭގެ އިގުތިސާދުގެ ހާލަތުގެ މައްޗަށް ބައްލަވާފައި ކަމަށެވެ. އަދި މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓު މި މަސް ނިމުމުގެ ކުރިން ދަރަނިވެރިވާނެކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. "އެއްވެސް ކަހަލަ އެހެން މަޖުބޫރުކަމެއް އައިސްގެން ނޫން ]ނަޝީދު[ ދުރަށް ދިޔައީކީ. މިހާރު 24 ގަޑިއިރު ފަހުން ކޮންމެ ވާހަކައެއް ދައްކަން އުޅުނަސް ކަމުގެ ހަގީގަތެއް އޮޅުވައެއް ނުލެވޭނެ. އެހެންވީމަ ދިވެހިރާއްޖެ މިހާރު އައިސްފައި އޮތް ހިސާބުން އަޅުގަނޑު ހިތަށް އަރަނީ ރައީސް ނަޝީދާއި އެމްޑީޕީގެ ބޭފުޅުން ވިސްނާ ވަޑައިގަންނަވަން ޖެހޭ. ހާއްސަކޮށް ރައީސް ނަޝީދު ވެރިކަމާއިގެން އުޅުއްވުން އެއީ އެއްވެސް ބުއްދިވެރި ކަމެއް ނޫން. ހިންގުމުގެ ތަޖުރިބާ ނެތީ. އަމަލީ ތަޖުރިބާ ނެތީ. އިލްމީ ތަޖުރިބާ ނެތީ،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ