ޖީއެސްޓީ ނެގުން ފަސްކޮށްދިނުމަށް އެދި ވަގުތީ އަމުރެއް ނެރުމަށް ހައި ކޯޓަށް ހުށަހަޅައިފި

ޖީއެސްޓީ ގާނޫނު ރާއްޖޭގެ ގާނޫނު އަސާސީއާ ތައާރަޒްވާ ކަމަށް ބުނެ، އެ ގާނޫނަށް އަމަލުކުރުން ފަސްކޮށްދިނުމަށް އެދި ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ވަގުތީ އަމަރެއް ނެރުމަށް ހައި ކޯޓަށް ބުރާސްފަތިދުވަހު ހުށަހަޅައިފި އެވެ. އެ ޖަމިއްޔާގެ ހަޒާންދާރު އަހުމަދު އަދީބު ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމީ ބުދަދުވަހު ބޭއްވި އެ ޖަމިއްޔާގެ 59 މެމްބަރުން ބައިވެރިވި އާއްމު ޖަލްސާއަކުން ކަމަށެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މި މައްސަލަ ކޯޓަށް ވެއްދީ ޖީއެސްޓީ ނެގުމަށް އެކަށީގެންވާ ވަގުތު ހޯދުމަށާއި ގާނޫނު އަސާސީއާ ތައާރަޒުވާ އެތައް މާއްދާއެއް އޮތުމުން ވިޔަފާރިވެރިންނަށް ނުހައްގުން އެތައް އަދަބެއް ލިބިދާނެތީ،" އަދީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖީއެސްޓީ ގާނޫނުގައި "ވަރަށް ބައިވަރު މައްސަލަތައް އެބަހުރި" ކަމަށެވެ. "އެހެންވެ މި މައްސަލަތަކަށް ހައްލެއް ހޯދުމަށް ޖަމިއްޔާ އިން ކޯޓަށް މިއަދު މި ހުށަހެޅީ،" އަދީބު ވިދާޅުވި އެވެ. ޖީއެސްޓީ ގާނޫނަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން އަމަލުކުރާއިރު އެކަމަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނެތް ކަމަށް ބުނެ ވިޔަފާރިވެރިން ދަނީ ޝަކުވާކުރަމުންނެވެ. އަދި ޖީއެސްޓީ ނެގުން ފަސްކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އެދިފައި ވެސް ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ