މެމްބަރު ނާޒިމްގެ ހަތަރު މައްސަލާގައި ހެކިބަސް ނަގައި ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަކަރާއި ހީލަތް ހެދުމުގެ ހަތަރު ދައުވާގައި ދައުލަތުން ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ސުޕްރީމް ކޯޓުން ނަގައިިފި އެވެ. އިއްޔެ ހެނދުނު ގާތްގަނޑަކަށް 10:50 އިން ފެށިގެން ވަކިވަކިން ކުރިއަށްގެންދިޔަ ޝަރީއަތްތައް ނިމުނީ ރޭ 10:50 ހާއިރެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ނަމިރާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ނާޒިމް ހުންނަވައިގެން އެ ކުންފުނީގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން ހިންގާފައިވާ މަކަރާއި ހީލަތުގެ އަމަލުތަކަކީ އޭނާގެ މައްޗަށް ހިންގޭނެ ޝަރީއަތްތަކެއް ކަމަށް ކަނޑައަޅައިދޭށެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެއީ ކުންފުންޏަކުން ކޮށްފައިވާ ކަމަކަށް ވާތީ ނާޒިމްގެ މައްޗަށް އެކަނި ދައުވާ ނުކުރެވޭނެ ކަމަށެވެ. އަދި އެ ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއިދުކޮށްފަ އެވެ. ނާޒިމްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި، ޑިސެމްބަރު 31، 2003 ގައި 15000 ދިދަ ގަތުމަށް އޭރުގެ އެޓޯލްސް މިނިސްޓްރީން ކުރި އިއުލާނަކަށް، ރަޖިސްޓްރީ ކޮށްފައި ނުވާ ކުންފުނިތަކެއްގެ ނަންތަކެއް ހުށަހަޅައިގެން އޭގެ ތެރެއިން ކުންފުންޏަކުން ބިޑް ކާމިޔާބުކުރި ކަމަށް ބުނާ މައްސަލައަކާއި ދިދަ ގަތުމަށް ކުރި އިއުލާނަށް ޓެކް މީޑިއާގެ ނަމުގައި އެ ކުންފުންޏަށް ނޭނގި ބިޑް ޑޮކިއުމެންޓް ހުށަހެޅި މައްސަލައެއް ހިމެނެ އެވެ. އަދި 220 ބަނދަރު ބައްތި ގަތުމަށް ކުރީގެ އެޓޯލްސް މިނިސްޓްރީން އިއުލާން ކުރުމުން، ސްޓޭންޑް އިލެކްޓްރިކަލް ކުންފުންޏާއި ޓެކް މީޑިއާ ކުންފުންޏަށް ނޭނގި އެ ކުންފުނިތަކުގެ ލެޓަހެޑްގައި ބިޑް ޑޮކިއުމެންޓްތަކެއް ހުށަހެޅި މައްސަލައެއް ވެސް ހިމެނެ އެވެ. އޭގެ އިތުރުން ހުށަހަޅާފައިވަނީ 2003 ވަނަ އަހަރު މިސްކިތްތަކަށް ސައުންޑް ސިސްޓަމްތަކެއް ގަތުމަށް ކުރި އިއުލާނަކާ ގުޅިގެން ނަމިރާ ކުންފުނީގެ މުވައްޒަފުންތަކެއް ބޭނުންގެން އިތުރު ކުންފުނިތަކެއްގެ ނަމުގައި ބިޑު ހުށަހަޅައި އެ ބިޑް ނާޒިމަށް ފައިދާވާ ގޮތަށް ކާމިޔާބުކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ. ދައުލަތުން ބުނީ ސީވިއު ޓްރޭޑާސް، މާލެގަމު ޓެއިލާސް، ފާސްޓް ޓެއިލާސް އަދި ނީޑްލް ވޯކް ޓެއިލާސްގެ ނަމުގައި، ރަސްޖިޓްރީކޮށްފައި ނުވާ ކުންފުނިތަކެއްގެ ނަމުގައި، ވަނީ ބިޑް ހުށަހަޅާފައި ކަމަށެވެ. އޭގެ އިތުރުން ނަމިރާގެ ނަމުގަ އާއި ނޭޒަ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބިޑް ޑޮކިއުމަންޓްތައް ކާމިޔާބުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމިރާ ކުންފުނީގެ އިލެކްޓްރިކް ސުޕަވައިޒަރެއްގެ މަގާމުގައި ކުރިން ހުރި އަހްމަދު ސިރާޖާއި ކުންފުނީގެ ކުރީގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ނަސީރާއި އަހްމަދު އަޝީތާއި ކުރީގެ މެނޭޖަރު އެކައުންޓްސް އެންޑް އެޑްމިނިސްޓްރޭޝަން އިބްރާހިމް ނިޝާނާއި އެ ކުންފުނީގެ އެކައުންޓް އޮފިސަރަކަށް ކުރިން ހުރި މުހައްމަދު އިރުޝާދުގެ ހެކިބަސް އިއްޔެ ވަނީ ނަގާފަ އެވެ. ސިރާޖު ފިޔަވާ އެހެން އެންމެން ވެސް ބުނީ އިއުލާނަކަށް ބިޑް ޑޮކިއުމަންޓްތައް ހުށަހަޅަން ނާޒިމް އަންގާފައި ނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް ކުންފުނީގެ ތެރޭގައި ކުރި ކަން ހަނދާން ހުރި ކަމަކަށް އެއްވެސް މީހަކު ނުބުނެ އެވެ. ނަމަވެސް ކުންފުނީގެ އެންމެ އިސް ފަރާތެއްގެ ގޮތުން ކަންކަން ކުރުމުގައި ނާޒިމްގެ ލަފާ ލިބެމުންދިޔަ ކަމަށާއި އެ މައްސަލަތަކުގެ ތަހްގީގުގައި ފުލުހުންނަށް ދީފައި ވާނީ ސައްހަ ތެދު ބަޔާން ކަމަށް ހުރިހާ ހެކިން ވެސް ބުންޏެވެ. ދައުލަތުން ބުނީ ނާޒިމްގެ މައްޗަށް ކުރާ ތުހްމަތުތައް ސާބިތުވާނެ ވަރަށް އެ ބަޔާންތަކުގައި ހެކިވެރިން އެއްބަސްވެފައިވާ ކަމަށާއި ބަޔާނުގައި ބުނެފައިވާ ވާހަކަތާ ދެކޮޅަށް ބައެއް ހެކިން އިއްޔެ ހެކިބަސް ދީފައިވާ ކަމަށެވެ. ސިރާޖު ބުނީ ނާޒިމް ބުނެގެން މާލެގަމު ޓެއިލާސްގެ ނަމުގައި ބިޑް ހުށަހަޅާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި އޮޅުވާލައިގެން އޭނާ ސޮއި ކޮށްފައި ވާނެ ކަމަށެވެ. އަދި އެ ކުންފުނީގެ ތައްގަނޑެއް ހެދުމަށް ނާޒިމް އެދިވަޑައިގެންނެވުމުން ނޮވެލްޓީ އަށް ހުށަހަޅާފައިވާނެ ކަމަށް ވެސް ޝަރީއަތުގައި އޭނާ ބުންޏެވެ. ޝަރީއަތްތައް ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ އިތުރު ކަންތައްތަކެއް ސާފުކުރަން ބޭނުންވާ ނަމަ އިތުރު އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ