ލޯކަލް ޓޫރިޒަމް އިތުރަށް ތަރައްގީ ކުރުމަށްޓަކައި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތެއް ހޯދައިދޭން ރައްޔިތުން މަޖިލީހުގައި މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް މަޖިލީހުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މިހާރު ތަޅުމުގައި ކުރިއަށްދާ ބަހުސްގައި ވާހަކަ ދައްކަވަމުން، ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވީ ދައުލަތުގެ ބަޖެޓު ފާސް ކުރާއިރު، އޭގެ ހަގީގީ ފައިދާ ރައްޔިތުންނާ ހަމައަށް ލިބިގެން ދިއުމަކީ މަޖިލީހުގެ ހުރިހާ މެންބަރުންގެ ވެސް އެދުމެއް ކަމަށެވެ.
އެ މޭރުމުން ވާހަކަ ދައްކަވަމުން، ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު ވިދާޅުވީ، ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށްޓަކައި، ރާއްޖެއަށް ވަންނަ ފައިސާ އިތުރުކޮށް، އެ ފައިސާ ވީއެންމެ ބޮޑަކަށް ސީދާ ރައްޔިތުމީހާއާ ހަމައަށް ފޯރުކޮށް ދޭން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖެއަށް އާމްދަނީ ލިބޭ އެންމެ ބޮޑު މަގަކީ ޓޫރިޒަމް ކަމަށްވާއިރު، ގެސްޓްހައުސް ވިޔަފާރިއާއެކު ގިނަ ބައެއްގެ ނުރުހުމާއެކު ވިޔަސް، އެ ސިނާއަތުގެ ސީދާ މަންފާ ރައްޔިތުންނަށް ލިބެން ފަށާފައިވާ ކަމަށެވެ.
"ރަށްރަށުގައި ގެސްޓުހައުސް ވިޔަފާރި ފެށިގެން ދިޔައީމަ، އެ ރަށްތަކުގެ ރައްޔިތުން ކާފަރު ވެގެންނެއް ނުދޭ. އެ ރަށްރަށުގެ ރައްޔިތުން އެ ވިޔަފާރިއާ އެކީގައި ދިރިއުޅެން އެ ދަނީ ދަސް ކުރަމުން،" އަބްދުލްހަކީމް ވިދާޅުވި އެވެ.
ނަމަވެސް، ގެސްޓްހައުސް ވިޔަފާރި، ޒަމާނާ އެއްގޮތަށް ތަރައްގީ ކުރެވެންޖެހޭކަން އޭނާ ވަނީ ތަކުރާރުކޮށް ފާހަގަ ކުރައްވައިފަ އެވެ.
"މިއަދު މި ސުވާލު އުފެދެނީ ރަށްރަށުގައި ރާ ވިއްކަން ހުއްދަ ދިނީމާ، ދެން ވާނީ ކިހިނެއްތޯ؟ މި ވާހަކަ އަޅުގަނޑުމެން އެބަ ދައްކަންޖެހޭ. މިކަން ކުރެވޭނެ ގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ،" އޭނާގެ ގޮވާލުން އޮޅުވާނުލަން އެދިވަޑައިގަންނަވަމުން ޝަހީމް އަބްދުލްހަކީމް ވިދާޅުވި އެވެ.
މިއަދު މި ސުވާލު އުފެދެނީ ރަށްރަށުގައި ރާ ވިއްކަން ހުއްދަ ދިނީމާ، ދެން ވާނީ ކިހިނެއްތޯ؟ މި ވާހަކަ އަޅުގަނޑުމެން އެބަ ދައްކަންޖެހޭ. މިކަން ކުރެވޭނެ ގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ،
މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް | ކަނޑިތީމު ދާއިރާ
އިތުރަށް ވިދާޅުވީ، ދިވެހިންގެ އަގީދާއަކީ ބަލިކަށި އެއްޗެއް ނޫން ކަމަށާއި، ރާއްޖެ ތަރައްގީކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ޒަމާނާ އެއްގޮތަށް ބަދަލުވާން ޖެހޭ ކަމަށެވެ.
"ކޮންމެ ކަމެއްވެސް ކުރެވޭނެ ގޮތެއް އޮންނާނެ. އެ ގޮތް އަޅުގަނޑުމެން ހޯދަން މި ޖެހެނީ. އަޅުގަނޑުމެން އެ ގޮތް ހޯދައިގެން މި ރާއްޖެ ކުރިއަށް ގެންދަން އަޅުގަނޑުމެން މި ޖެހެނީ،" މިކަމުގެ މަގުސަދަކީ ދީނަށް ފުރައްސާރަކޮށް، ރާއްޖެ ދީނީ އެހެން ވިސްނުމަކަށް ގެންދިއުން ނޫންކަން އޭނާ ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.
ޝަހީމް މި ގޮތަށް ގޮވާލައްވާފައި މިވަނީ، މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް ހިތްވަރު ދިންކަމަށް ބުނެ، ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޝިޔާން ވެސް މި ފަހުން ހޫނު ފެނަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި އެވެ.
ޓުއަރިޒަމްގެ ގާނޫނަށް އިސްލާހުގެ ގެނައުމަށް ސަރުކާރުން ހުށައެޅި ބިލްގެ ކޮމެޓީ މަރުހަލާގައި ޝިޔާން ވަނީ ރިސޯޓްތަކަށް އަންނަ ފަތުރުވެރިންނަށް ރާ ވިއްކުމުގެ ހުއްދަ އޮންނައިރު ރަށްރަށުގައި ހިންގަމުންދާ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ރާ ވިއްކުމުގެ ހުއްދަ ނޯންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިން އެކަން ކުރަން ބޭނުންނަމަ ދާންޖެހެނީ ދުރުގައި ހުންނަ ރިސޯޓްތަކަށް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރިއެވެ.
އޭނާ ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނަށްވެސް އެރަށުން ބޭރުގައި ފަޅުތެރޭގައި ނުވަތަ ވިލުގައި ނޫންނަމަ ކަނޑުތެރޭގައިވެސް އެ ހިދުމަތް ދެވޭނެ އިންތިޒާމެއް އޮންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އޭނާގެ އެ ވާހަކަތަކަށް ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އެ ވާހަކަތަކަށް ފާޑުކިޔުން އަމާޒުވުމުން ޝިޔާން ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާ އޭނާ ދެކޮޅު ކަމަށެވެ. އަދި މަޖިލީހުގެ ކޮމެޓީގައި އޭނާ ދެއްކެވި ވާހަކަތަކުގެ މާނަ އޮޅޭ ގޮތަށް ބައެއް މީޑިއާތަކުން ހަބަރު ފެތުރި ކަމަށެވެ.
ރަށްރަށުގައި ރާ ވިއްކޭނެ ގޮތް ހޯދާ ވާހަކަ އާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ