އެމެރިކާއިން ޕީޖީ އޮފީހަށް އިންޓަރެކްޓިވް ސްމާޓް ޑިސްޕްލޭތަކެއް ހަދިޔާކޮށްފި

އެމެރިކާ ސަރުކާރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އިންޓަރެކްޓިވް ސްމާޓް ޑިސްޕްލޭތަކެއް ހަދިޔާކޮށްފި އެވެ.
ޕީޖީ އޮފީހަށް އެމެރިކާއިން ހަދިޔާކޮށްފައި ވަނީ އިންފިނިޓީ ޕްރޯ މަރުކާގެ ސްމާޓް އިންޓަރެކްޓިވް ޑިސްޕްލޭތަކެކެވެ. މިއީ، ބޯޑު ބައްދަލުވުންތަކާއި ކްލާސްރޫމްތަކުގައި ވައިޓް ބޯޑާއި ޕްރޮޖެކްޓަރުގެ ބަދަލުގައި ބޭނުންކުރާ ޓަޗް ސްކްރީން ޑިސްޕްލޭތަކެކެވެ.
އެމެރިކާއިން ހަދިޔާކުރި އެ ޑިސްޕްލޭތަކާ ޕީޖީ އޮފީހުން ހަވާލުވީ، ޕްރޮސެކިއުޓާ ޖެނެރަލް، އައްބާސް ޝަރީފް އެވެ.
އެ ތަކެތި ހަދިޔާކޮށްދިނީތީ ޕީޖީ އޮފީހުން ވަނީ އެމެރިކާއަށް ޝުކުރުއަދާކޮށްފަ އެވެ. ޕީޖީ އޮފީހުން ބުނީ އެ ހަދިޔާގެ ސަބަބުން، އެމެރިކާ އާ ގުޅިގެން ޓްރެއިނިންތައް އިތުރުކުރުމާއި މައުލޫމާތު ބަދަލުކުރުމުގެ އިތުރުން ކަރުދާސް މަދު މަސައްކަތުގެ މާހައުލެއް އުފެއްދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ވެގެންދިޔަ ކަމަށެވެ.
އަދި، ކުރިއަށް އޮތް ތަނުގައި އެ ގުޅުން އިތުރަށް ވަރުގަދަ ވާނެ ކަމަށް އުއްމީދުކުރާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މި ސަރުކާރު އައުމަށްފަހު އަންނަނީ އެމެރިކާ އާއެކު ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރަމުންނެވެ. އެގޮތުން ފުލުހުންނާއި ސިފައިންނަށް އެމެރިކާއިން އަންނަނީ އެހީތެރިވަމުންނެވެ.
ބޯޑަރު ހުރަސްކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑެތި ކުށްތައް ހުއްޓުވުމަށްޓަކައި، ދިވެހި ފުލުހުންނާއި އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އަދި އައިސްއާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ޓެރަރިޒަމާއި، މަސްތުވާތަކެތީގެ ވިޔަފާރި އަދި ސައިބާ ކްރައިމް ފަދަ ކުށްތައް ހުއްޓުވުމަށް މައުލޫމާތު ބަދަލުކުރުމާއި، ގުޅިފައިވާ އޮޕަރޭޝަންތައް ހިންގުމުގެ އިތުރުން ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ތަމްރީނުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން، ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑޭތި ކުށްތައް ހުއްޓުވުމަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އާއި އިމިގްރޭޝަންސް އެންޑް ކަސްޓަމްސް އެންފޯސްމަންޓު (އައިސް) އާއެކު ދިވެހި ފުލުހުން މިދިޔަ ޖޫން 24، ގައި ވަނީ އެމްއޯޔޫއެއްގައި ވެސް ސޮއިކޮށްފަ އެވެ.
އެމްއޯޔޫގެ މައިގަނޑު މަގުސަދަކީ ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް ހިންގާ ނުރައްކާތެރި ކުށްތަކަށް ހުއްޓުވުމާއި، އެފަދަ އަމަލުތައް ހިންގާ ނެޓްވޯކްތައް ނައްތާލުމެވެ.
އޭގެ ތެރޭގައި ޓެރަރިޒަމްގެ އަމަލުތަކާއި، މަސްތުވާތަކެތީގެ ވިޔަފާރި އާއި، އިންސާނީ ވަގުފާރި އަދި ސައިބާ ކްރައިމް ކުށްތައް ހިމެނެ އެވެ. ހަމައެހެންމެ، މާލީ އަދި އިގުތިސާދީ ކުށްތަކާއި، ފިކުރީ މުދަލުގެ ހައްގުތަކަށް އަރައިގަތުމާއި، ނުރައްކާތެރި ހަތިޔާރު ފެތުރުން ހުއްޓުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުން އިތުރުވެ، ކުށްތައް ތަހުގީގު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އެމެރިކާ އެމްބަސީން ބުނެ އެވެ. އަދި ވަކިވަކި ކުށްތަކަށް އަމާޒުކޮށްގެން ގުޅިފައިވާ އޮޕަރޭޝަންތައް ހިނގުމާއި، މިހާރުވެސް ގާއިމުކުރެވިފައިވާ ގުޅުންތައް އިތުރަށް ވަރުގަދަކުރުން މި މަސައްކަތުގެ ތެރޭގައި ހިމެނެ އެވެ.
މި އެމްއޯޔޫގެ ދަށުން ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި ތަމްރީނު ޕްރޮގްރާމްތަކާއި، ސެމިނާރުތައް އަދި ތަޖުރިބާ ބަދަލުކުރުމުގެ ދަތުރުތައް ރޭވުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ