އިބްރާހިމް އުމަރު މަނިކުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

މާފަންނު ސައްކެޔޮގަސްދޮށުގޭ ޑޮކްޓަރު އިބްރާހީމް އުމަރު މަނިކު އަވަހާރަވުމާ ގުޅިގެން، އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ޑޮކްޓަރު އިބްރާހީމް އުމަރު މަނިކުގެ ބޭބެ މުހައްމަދު އުމަރު މަނިކަށް ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި މި ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވިއެވެ. އަދި އިބްރާހީމް އުމަރު މަނިކަކީ ސެންޓްރަލް ހޮސްޕިޓަލަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި ތަރައްގީ އަށްވެސް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ.
އިބްރާހީމް އުމަރު މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި މިއަދު ހެނދުނުއެވެ. އަވަހާރަވިއިރު އުމުރަކީ 68 އަހަރެވެ. އަލްމަރްހޫމް ޑޮކްޓަރު އިބްރާހީމް އުމަރު މަނިކަކީ، ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރެވެ. ސެންޓްރަލް ހޮސްޕިޓަލްގެ ސީނިއާ ހައުސް އޮފިސަރު އިން އެނިސްތީޒިއާކަން ދެއްވީ އޮކްޓޫބަރު 16، 1982 ގައެވެ. ހޮސްޕިޓަލްގެ ވަޒީފާއިން އޭޕްރީލް 21، 1988 ގައި ވަކިވެވަޑައިގެންނެވިރު ހުންނެވީ ސީނިއާ ރަޖިސްޓްރާ އިން އެނިސްތީޒިއޮލޮޖީގެ މަގާމުގައެވެ.
އިބްރާހީމް އުމަރު މަނިކަކީ، ޔުނިވާސަލް އެންޓަޕްރައިޒަސް ލިމިޓެޑުގެ އެއް ޑައިރެކްޓަރުވެސް މެއެވެ. އަދި މާލޭ އެރޭޓޭޑް ވޯޓާ ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް އުފެއްދެވީވެސް އިބްރާހީމް އުމަރު މަނިކެވެ. ކޮކާކޯލާގެ އުފެއްދުންތައް ރާއްޖެއަށް ގެންނެވުމުގައިވެސް ވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.
އިގްތިސާދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން 1998 ވަނަ އަހަރު އެ ކުންފުންޏަށްވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ސަރުކާރުން ދެއްވާފައެވެ. އެ ކުންފުނީގެ މަސައްކަތް ފުރަތަމަ ފެށުނީ 1983 ވަނަ އަހަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ