ރިލެކްސް ފެރީގައި ހުވަދޫން އައްޑޫއަށް ދަތުރުކުރި ފަރާތްތަކުގެ މައުލޫމާތު ހޯދަނީ

ރިލެކްސް ފެރީގައި ހުވަދޫއިން އައްޑޫއަށް ދަތުރު ކުރި ފަރާތްތަކުގެ މައުލޫމާތު ހޯދަމުންދާ ކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
ސޯބެ މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ ހުވަދޫގެ 3 ރަށަކުން ކޮވިޑުގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އައްޑޫ އާއި ހުވަދޫ އާއި ދެމެދު ދަތުރުކުރާ ރިލެކްސް ފެރީން ދަތުރު ކުރި ފަރާތްތަކުގެ މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ.
ސޯބެ ވިދާޅުވީ ގއ. ދެއްވަދޫގެ އިތުރުން ދާންދޫ އަދި ވިލިނގިލިއިން ކޮވިޑު ކޭސްތަކެއް ފެނުމާއި އެކު އައްޑޫ އާއި ހުވަދޫ އާއި ދެމެދު ދަތުރު ކުރި ފަރާތްތަކުގެ މައުލޫމާތު އެއް ކުރުމުގެ މަސައްކަތް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ފަށާފައިވާ ކަމަށެވެ.
"ފުރަތަމަ ކޭސް ފެނުނީ ދެއްވަދޫއިން، މިކޮޅުން ބެލި އިރު ދެއްވަދޫއަކަށް ރިލެކްސް ފެރީ ނުދޭ، އެކަމަކު މިހާރު އެހެން ދެ ރަށަކުން ބަޔަކު ފެނުމުން މައުލޫމާތު ހޯދުމަށް މަސައްކަތް މިކުރަނީ" ސޯބެ ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ހުވަދޫން އައްޑޫއަށް ދަތުރު ކުރި އެންމެންގެ މައުލޫމާތު ހޯދުމަށް ހަަމަޖެހިފައިވާ ކަމަށެވެ.
ރިލެކްސް ފެރީގެ ދަތުރުތައް ހުވަދޫ/ފުވައްމުލައް/އައްޑޫއަށް ފެށުމާއި ގުޅިގެން ފާއިތުވި ދުވަސްތަކުގައި ގިނަ ބަޔަކު ވަނީ ޑޮކްޓަރަށް ދެއްކުމަށް އައްޑޫއަށް އައިސްފައެވެ. މީގެ ތެރޭގައި ހުވަދޫގެ އެކި ރަށްތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ