ފުއާދު ތައުފީޤު ހަމަސް ދުވަހަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފި

ފުއާދު ތައުފީޤު ހަމަސް ދުވަހަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.ސުޕްރީމް ކޯޓުން އަމިއްލަ އަށް އިސް ނަގައިގެން ބެލި މައްސަލަ އެއްގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤުގެ މައްޗަށް މިފަދަ ޙުކުމެއް ކޮށްފައި ވަނީ 3000 މީހުން ހަމަނުވާ ޕާޓީ ތައް އުވާނުލެވޭނެ ކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ގޮންޖަހައި، އެކަމާ ބެހޭ ގޮތުން ކޯޓުން ނެރެފައިވާ އަމުރު ތަކަށް އިހާނާތްތެރިވެ، މީޑިއާ މެދުވެރިކޮށް ފާޅުކަން ބޮޑު ގޮތެއްގައި އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލުވެރިން ނުކިޔަމަންތެރިކަން ދައްކައި، އަދުލު އިންސާފު ގާއިމުކުރަން ހުރަސް އަޅައި، ކޯޓު ބަދުނާމުކުރުމުގެ އިތުރުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކޯޓުގެ އިޖުރާއަތުތަކާއި އިހުތިސާސްތަކާ ދެކޮޅަށް އިހާނާތްތެރިކޮށް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވާހަކަ ދައްކާފައިވާތީ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.އެހެންކަމުން ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގެ ދަށުން ފުއާދު ތައުފީގު ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވީނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސްކޮށްފައެވެ. އެހެން ކަމުން ތިން އަހަރުގެ މި މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ނުކޮށްފި ނަމަ މި ޙުކުމް ތަންފީޒު ކުރެވުނީ ކަމުގައި ބެލެވޭނެއެވެ.މީގެ އިތުރުން ފުއާދާއި އެ ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ފަޔާޒް މެމްބަރުކަމުގެ ޝަރުތު ހަމަނުވާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ކަނޑައަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ