އިންޑިއާ އެއްބަސްވުމުގައި ސޮއިކުރަން ހެޔޮ ނުވާނެ - ގާސިމް

ރާއްޖެ އާއި އިންޑިއާއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަން ހެޔޮ ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ފެންނަ ކަމަށް ގައުމީ ސަލާމަތާބެހޭ ކޮމެޓީން ނިންމާފައިވާ ރިޕޯޓަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމުކުރަން މަސައްކަތްކުރާ ގާނޫނީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ ދިވެހި ރައްޔިތުންނަށް ބޮޑު ނިކަމެތި ކަމެއް ލިބިގެންދާނެ ކަމަށެވެ.
"މި އެއްބަސްވުމާއި ގުޅޭގޮތުން ކޮމެޓީގެ މަސައްކަތްތައްވެސް ދިޔައީ ވަރަށް ހުދުމުހުތާރުކޮށް މި އެއްބަސްވުމަކީ ދިވެހިރާއްޖެ ސޮއިކުރަން "ހެޔޮވާވަރުގެ" އެއްބަސްވުމެއް ނޫން" ސަރުކާރު ކޯލިޝަނުގެ އެއް ބައިވެރިޔާ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށް ބޮޑު ލޮޅުންތަކެއް އަރާނެ ކަމަށެވެ.
ގާސިމް ވާހަކަދައްކަވަމުން ދަނިކޮށް ދެ މެންބަރަކު ވަނީ ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވާ އޭނާގެ ވާހަކަތަކުގެ ކުރިމަރާލަން މަސައްކަތް ކޮށްފައެވެ.
އެގޮތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ގާސިމް އިބްރާހީމް އެ އެއްބަސްވުމާއި ގުޅޭގޮތުން ދައްކަވަމުން ގެންދަވަނީ މުޅިންވެސް ދޮގު ވާހަކަތަކެއް ކަމަށެވެ.
"އަޅުގަނޑު މިއުޅެނީ ކޮންމެހެން ގަވާއިދުގެ ވާހަކަތައް ދައްކާކަށް ނޫން. ސަލާމަތު ކޮމެޓީގައި 13 މެންބަރަކު ތިއްބަވާއިރު މި އެއްބަސްވުމަށް އަމަލު ކުރަން ފެންނަ ކަމަށް ނިންމެވީ ފަސް މެންބަރުން މިފަދަ މުހިއްމު އަދި ހައްސާސް އެއްބަސްވުމެއްގައި ކޮމެޓީގެ ފުރިހަމަ އަގުލަބިއްޔަތެއް ލިބެންޖެހޭ " ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ