ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަމުން އަންނަ މައްސަލައަކާ ގުޅީގެން ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކުރުމާބެހޭގޮތުން ރައްްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ފޮނުވާފައިވާ މައްސަލައިގައި މިރޭ، އެ މަނިކުފާނު މަގާމުން ވަކިކުރާނެ ކަމަށް ނުބެލެވޭ ކަމަށް މަޖިލީހުގެ ސީނިއަރ މެންބަރަކު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސަމާލުކަމަށް ގެންނެވުމަށް ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޖޭއެސްސީން މައްސަލަ ބެލުމަށްފަހު އަބުދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ފޮނުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސައަށް އެޖެންޑާ ކުރައްވާނެ ކަމަށެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅި މައްސަލަ އެކޮމިޝަނުން ތަހުގީގުކޮށް، ތަހުގީގީ ރިޕޯޓް ބަލައިގަތުމަށް ނިންމައި، ޝަކުވާ ރައްދުވާ ފަނޑިޔާރަށް ގާނޫނުގައި ބުނާ ގޮތުން ދިން 30 ދުވަހުގެ ފުރުސަތުގައި އެފަރާތުން ކޮމިޝަނަށް ލިޔުމުން ދީފައިވާ ޖަވާބުގައިވާ ކަންކަމަށް ބަލާއިރު، ތަހުގީގު ރިޕޯޓަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވި މަޖިލިސް މެންބަރު ވިދާޅުވީ، ބޮޑަށް ބެލެވޭ ގޮތުން، ފަނޑިޔާރު ދީދީގެ މައްސަލަ މިރޭ ފޮނުއްވާނީ ކޮމެޓީއަކަށެވެ.
"މަޖިލީހުގެ އާންމު އުސޫލަކީ އެއީ. ފުރަތަމަ ފޮނުވާނީ ކޮމެޓީއަށް. ޖޭއެސްސީން ޑިޔު ޕްރޮސެސް ފޮލޯކޮށްފައި ވޭތޯ މަޖިލީހުގެ ކޮމެޓީން ޔަގީންކުރާނެ. އެއަށްފަހު ކޮމެޓީގެ ރިކޮމެންޑޭޝަނާ އެކު މަޖިލީހަށް އަންނަން ޖެހޭނީ. އެހެން ވީމަ އެންމެ އަވަހަށް ވެސް ގޮތެއް ނިންމޭނީ މާދަމާ ކަމަށް ބެލެވެނީ." ވަން އަށް މައުލޫމާތު ދެއްވި މެންބަރު ވިދާޅުވި އެވެ.
ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ މިރޭގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަމަށް ވެސް ވަން އަށް މައުލޫމާތުދެއްވި މެންބަރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މިރޭ މަގާމުން ވަކިކުރާނެ ކަމަކަށް ނުބެލެވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ