ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ޖާގައެއް ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތުލަށް އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިން މަޖިލީހުން ރުހުންދޭ ބޭފުޅުންނެވެ. ޖޭއެސްސީން ބުނެފައިވަނީ ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ނަންތައް ޖޭއެސްސީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވާނެ ކަމަށެވެ.
ޖޭއެސްސީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައިވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލި އެވެ. އެ ފުރުސަތުގައި ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ކުރިމަތިލެއްވި އެވެ. އެއީ ހައިކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރެއްވި ފަނޑިޔާރު އަލީ ސަމީރާއި ވަރަށް ފަހުން ހައިކޯޓަށް ވަޑައިގެންނެވި މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
އެ ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއުވެސް ކުރުމަށް ފަހު ޖޭއެސްސީން ރައީސް ސޯލިހަށް ލަފާ ދެއްވީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިލަރްޑާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ބާ ކައުންސިލްގެ މެންބަރު އައިޝާ ސުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށެވެ. މި ދެ ނަމަކީ ރައީސުލްޖުމްހޫރިއްޔާ، ޖޭއެސީގެ ލަފަޔަކަށް ހުށަހެޅުއްވި ދެ ނަމެވެ. އެ ދެ ބޭފުޅުންގެ ނަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ވެސް ވަނީ ރުހުން ދީފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ޖޭއެެސްސީން ހުޅުވާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ދީދީ އެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރުމާ ގުޅިގެންނެވެ. ދީދީ މަގާމުން ވަކިކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އިއްތިފާގުންނެވެ. ދީދީ މަގާމުން ވަކިކުރުމަށް ފެނިވަޑައިނުގަންނަވާ ކަމަށް އެއްވެސް މެންބަރަކު ވޯޓް ދެއްވާފައެއް ނުވެ އެވެ. ދީދީ މަގާމުން ވަކިކުރުމަށް މަޖިލީހުން ނިންމުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ދީދީ ވަކިކުރެވިފައިވާ ކަމަށް އިއުލާން ވެސް ކުރައްވާފަ އެވެ.
ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރު ކަމުގެ މަގާމަށް އެ މީހަކު ގާބިލް ނޫން ކަމަށް ނުވަތަ އެ މަގާމަށް އެކަށީގެން ނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖޭއެސްސީއަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަދެބައިގެ އަގުލަބިއްޔަތުން ފާސްވުމުން ކަަމަށެވެ. އެއީ މަޖިލީހުގެ 58 މެންބަރުންގެ ވޯޓެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ