މަޖިލީހުގެ ރައީސް ކަމަށް އެމްޑީއިން ނެރޭ މެމްބަރު ކަނޑައެޅުން 27 ގައި

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީއިން ނެރޭނެ މެމްބަރަކު މި މަހުގެ 27 ވަނަ ދުވަހު އެ ޕާޓީއިން ކަނޑައަޅާނެކަން "ސަން"އަށް ކަށަވަރުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރޭސް ހޫނު ވަމުން އަންނަ އިރު، އެމްޑީޕިގެ ތެރެއިން މިވަގުތު އެ މަގާމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައި ވަނީ ވިލުފުށި ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފް އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި މަރުދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ނެރޭނެ މެމްބަރަކު ހޮވާނީ އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ތެރޭގައި ނަގާ ވޯޓަކުންނެވެ. އެ ވޯޓު އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުކަން އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ. އެ ދުވަހު ނަގާ ވޯޓަށް ފަހު ހޮވޭ މެމްބަރަކަށް މަޖިލީހުގައި ވޯޓުލުމަށް ޕާޓީގެ ޕީޖީ ގުރޫޕުގައި ވިޕެއް ނެރޭނެކަންވެސް ވަނީ އެނގިފައެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރާ ސުވާލު ކުރުމުން އޭނާ ވަކި ޖަވާބެއް ނުދެއްވި އެވެ. މިރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، މަޖިލީހުގެ ރައީސްގެ މަގާމަށް ހަސަން އަފީފް އެކަށީގެންވާ ކަމަށް ވިދާޅުވެ، އެމަނިކުފާނު އަފީފަށް ތާއީދު ކުރައްވާ ކަމަށް ދެކެވޭ ވާހަކަތަކަށް ބުރަދަން ދެއްވައިފައެވެ. ރައީސް ސޯލިހު އަފީފަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވާފައި ވާއިރު އެމްޑީޕީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެމްބަރު ރައީސް މުހައްމަދު ނަޝީދު ވަނީ އަސްލަމްއަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. ނަވާރަ ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުން ހުވާކުރުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ރެ އެވެ. އެރޭ މެމްބަރުން ހުވާ ކުރުމަށް ފަހު މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް ހޮވުމުގެ ޖަލްސާ އޮންނާނީ ހަމަ އެރޭ 10:30 ގައި މަޖިލިސް ކުރާ ގޭގަ އެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވަން މަޖިލީހުގައި ނަގާނީ ސިއްރު ވޯޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ