ޗެލްސީ އާއި ވެލެންސިޔާ ޔުރޮޕާ ލީގުގެ ސެމީފައިނަލައަށް ދަތުރު ކޮށްފި

ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގްގައި ރޭ ކުޅުނު މެޗުތަށް ކާމިޔާބުކޮށް ސްޕެއިންގެ ވެލެންސިޔާ އާއި އިނގިރޭސި ވިލާތުގެ ޗެލްސީ މުބާރާތުގެ ސެމީފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.
ޗެލްސީން ސެމީ ފައިނަލަށް ދިޔައީ ޗެކް ރިޕަބްލިކުގެ ސްލާވިއާ ޕްރާގް އަތުން އަމިއްލަ ދަނޑުގައި 4-3 އިން މޮޅުވެގެންނެވެ. ފުރަތަމަ ލެގުން ޗެލްސީ 1-0 އިން މޮޅުވެފައިވާތީ ދެ ލެގުގެ އެގްރިގޭޓުން އެ ޓީމަށް ކުރި ލިބުނީ 5-3 އިންނެވެ.
މި މެޗުގެ ފުރަތަމަ 17 ވަނަ މިނެޓުގެ ތެރޭގައި ޗެލްސީން ތިން ގޯލުގެ ލީޑެއް ނެގި އެވެ. ޕެޑްރޯ އާއި އޮލިވާ ޖިރޫ ލަނޑު ޖެހިއިރު އަނެއް ގޯލަކީ ސްލާވިއާގެ ކުޅުންތެރިޔެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ ފަހުން 25 ވަނަ މިނެޓުގައި ސްލާވިއާ އިން ތަފާތުކުޑަކޮށްފައިވަނިކޮށް ޗެލްސީ އަށް އަލުން ތަފާތު ބޮޑުކޮށްދިނީ ޕެޑްރޯ އެވެ. ސްލާވިއާ އިން ދެ ވަނަ ހާފުގައި އިތުރު ދެ ގޯލް ޖެހި ނަމަވެސް އެގްރިގޭޓުން ކުރި ލިބޭ ގޮތެއް ނުވި އެވެ.
ޔުރޮޕާ ސްޕެއިނުގެ ވެލެންސިއާ ސެމީ އަށް ދިޔައީ ސްޕެއިނުގެ ވިޔަރެއާލް އަތުން ރޭ 2-0 އިން މޮޅުވެ ދެ ލެގުން 5-1 އިން ކުރި ހޯދައިގެންނެވެ.
ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގައި އާސެނަލާއި ވެލެންސިއާ ބައްދަލުކުރަން ހަމަޖެހިފައިވާއިރު ފްރެންކްފަޓް ވާދަކުރާނީ ޗެލްސީއާ އެވެ. ފުރަތަމަ ލެގު އޮންނާނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ