ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު 5000 އަށް އިތުރު ކުރާނެ - އުމަރު

ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު 5000 އަށް އިތުރުކުރާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުއްލަވަމުން ގެންދަވާ އުމަރު ރޭ އޭނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އަށް ލިބިފައިވާ މައުލޫމާތު ކުށް ކަމުގައި ނުވާނަމަ އެކިއެކި ނަން ނަމުގައި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ކުރިއަށް އޮތް ތަނުގައި 5000 އަށް އިތުރު ކުރާނެ ކަމަށެވެ.
"ސެނަހިޔާ ހޮސްޕިޓަލްގެ ޕްލޭން އަކީ މިކަމަށް އިތުރުކޮށްލާ ބޮޅެއް. އިރާދަކުރެއްވިއްޔާ ހުރިހާ އިންޑިއާ ސިފައިން މި ގައުމުން ބާލާނަން" އުމަރު ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކަމަށް ބުނާ ހެލިކޮޕްޓަރުތައް ދުއްވުމުގެ ނަމުގައި މިހާރު ވެސް އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ތިބެއެވެ. ރާއްޖޭގައި މިހާރު ތިބި އިންޑިއާ ސިފައިންގެ އަދަދު އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި މިހާރު ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު 100 އަށް ވުރެ ވެސް ގިނަ ވުން އެކަށީގެންވެއެވެ.
މިހާރު އިންޑިއާ ސިފައިން ތިބެނީ ލ.ގަމާއި އައްޑޫ ސިޓީ ގަމުގައެވެ. ލ.ގަމުގައި ތިބޭ ސިފައިން މަސައްކަތް ކުރަނީ އެއަތޮޅު ކައްދޫގައި އޮންނަ އިސްކަންދަރު ވައިގެ މަރުކަޒުގައެވެ.
ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ ސަރުކާރަށް އެންގިއެވެ. އަދި އިންޑިއާ ސިފައިންނަށް ވިސާ އާކޮށްދިނުން ވެސް ހުއްޓާލިއެވެ. ނަމަވެސް އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ގޮސްފައެއް ނުވެއެވެ.
ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެން އިންޑިއާ އިން ބޭނުންވާ ގޮތައް ރާއްޖޭގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން އެއްބަސްވެ، އިންޑިއާ ސިފައިންގެ ވިސާ އާކޮށްދީ އިންޑިއާ އާއި އެކު ވަނީ އިތުރަށް ގުޅުން ބަދަހިކޮށްފައެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ ގިނަ އަދަދެއްގެ ބަޔަކު ގެންދަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ