"މިސްކިތަށް ހަރަދުކުރެއްވީ ފާތުންގެ އަމިއްލަ ފައިސާ"

ކުރީގެ ފަސްޓްލޭޑީ ފާތިމަތު އިބްރާހިމްގެ މައިންބަފައިންގެ ހަނދާނުގައި ހުޅުމާލޭގައި އިމާރާތްކުރި "މަސްޖިދުލް ވާލިދައިން" އަށް މޯލްޑިވް ގޭހުގެ އެއްވެސް ފައިސާއެއް ހަރަދު ނުކުރާ ކަމަށާއި އެ މަސައްކަތަށް ހަރަދުކުރީ ފާތުންގެ އަމިއްލަ ފައިސާ ކަމަށް ރައީސް ޔާމީން ސަރުކާރުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އަބްދުﷲ މައުމޫން ވިދާޅުވެއްޖެ އެވެ. މަސްޖިދުލް ވާލިދައިން އިމާރާތް ކުރުމަށް މޯލްޑިވް ގޭހުގެ މުދަލާއި ފައިސާ ހަރަދު ކޮށްފައިވާކަމުގެ ލިޔުންތަކެއް ފެނިފައިވާ ކަމަށް މޯލްޑިވް ގޭހުގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމް ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމާ ގުޅިގެން ކުންފުނީގެ އޮޑިޓެއް ކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝަޒައިލްގެ ވާހަކަތަކަށް ރައްދު ދެއްވައި މައުމޫން މިރޭ "ސަން" އަށް ވިދާޅުވީ އޭނާ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިރު މޯލްޑިވް ގޭހުގެ އެއްވެސް ފައިސާއެއް މިސްކިތް ބިނާކުރުމަށް ހޭދަ ނުކުރާ ކަމަށެވެ. އަދި މިސްކިތުގެ މަސައްކަތް ކުރުމަށް ހަރަދު ކުރީ މެޑަމް ފާތުންގެ އަމިއްލަ ފައިސާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެ ތަނަށް ހަރަދު ކުރީ މެޑަމްގެ އަމިއްލަ ފައިސާ. މެޑަމް އަށް ފައިސާ ލިބުނު ވަރަކުން މަސައްކަތް ކުރިއަށް ގެންދިޔައީ. އެތަނުގެ މަސައްކަތް ނިމުނީ ތިން އަހަރުން. 2.5 މިލިއަން ރުފިޔާ ހޭދަކުރި ނަމަ އެ މަސައްކަތް ހަ މަހުން ނިންމާލަން ވީނުންތޯ؟" މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ އޭނާގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި މޯލްޑިވް ގޭހުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މަސައްކަތް ކުރި ކަމަށް މިހާރުގެ މެނޭޖުމެންޓުން ވާހަކަ ދައްކަނީ މައުމޫންގެ އަގު ވައްޓާލުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ