މިރޭ އިހްޔާ ފޯރަމްގައި ތަގުރީރު ކުރައްވާނީ ރައީސް މައުމޫން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށް ގެންދާ އިހްޔާ ފޯރަމްތަކުގެ ތެރެއިން މިރޭ ބާއްވާ ފުރަތަމަ ފޯރަމްގައި ތަގުރީރުކުރައްވާނީ ކުރީގެ ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ކޮންމެ ރަމަޟާންމަހަކު ދެ ރޭ ކުރިއަށް ގެންދާ އިހްޔާ ފޯރަމްގެ މިރޭގެ ފޯރަމަށް އިސްލާމިކް މިނިސްޓްރީން ވަނީ އާންމުންނަށް ދައުވަތު ދީފައެވެ.
އެ މިނިސްޓްރީން ބުނީ މިރޭ 9:30ގައި ފެށުމަށް ހަމަޖެހިފައިވާ އިހްޔާ ފޯރަމް އޮންނާނީ އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައިކަމަށެވެ.
އިހްޔާ ފޯރަމް ބާއްވަން ފަށާފައިވަނީ 1980ވަނަ އަހަރު ރައީސް މައުމޫން ވެރިކަމުގައި ހުންނަވައެވެ. އެ އަހަރުން ފެށިގެން އެމަނިކުފާނު 2008ވަނަ އަހަރު ވެރިކަމުން ވަކިވެވަޑައިގަތުމާއި ހަމައަށްވެސް ގަވައިދުން ގެންދެވީ އިހްޔާ ފޯރަމްތައް ބާއްވަމުންނެވެ. ގިނަ އަހަރުތަކުގައި ފޯރަމްގައި ތަގުރީރު ކުރައްވަނީވެސް ރައީސް މައުމޫނެވެ. އެމަނިކުފާނުގެ ވެރިކަމުގައި އިހްޔާ ފޯރަމްތަކަކީ ގިނަ ބަޔަކު އިންތިޒާރުކުރި ފޯރަމްތަކެކެވެ.
މި ފޯރަމްތަކުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި، ރާއްޖެއިން ބޭރުގެ ބައެއް އިލްމުވެރިންވެސް ވަނީ ތަގުރީރު ކުރައްވާފައެވެ.
މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އުފައްދަވާފައިވާ މައުމޫން ފައުންޑޭޝަނުން ރޯދަ މަހު ކުރިއަށް ގެންދާ އިހްޔާ ޕްރޮގްރާމްތައްވެސް މި އަހަރުވެސް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.
މިއަހަރު އިހްޔާ ޕްރޮގްރާމުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މެއި މަހުގެ 14، 21 އަދި 28 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ.
މައުމޫން ފައުންޑޭޝަނުން ބުނީ މިޖަލްސާތަކުގައި ރައީސް މައުމޫން މިއަހަރުވެސް ތަގުރީރު ކުރައްވާނެ ކަމަށެެވެ.
ރައީސް މައުމޫން އިހްޔާ ޕްރޮގްރާމު ކުރިއަށް ގެންދަވަނީ އިސްލާމް ދީނާއި ސައިންސާ ގުޅުވާލައިގެން ހުށަހަޅާ އިލްމީ ލެޗްކާއެއްގެ ގޮތަށެވެ.
ގިނަ ބައެއްގެ ޝައުގުވެރިކަން ލިބިފައިވާ މިޕްރޮގްރާމުގެ ޖަލްސާތައް މިއަހަރު ފެށުމަށް ހަމަޖައްސާފައިވަނީ ރޭގަނޑު 10:00 ޖަހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ