ދިއްލީގައި 200 ޔުނިޓާއި ހަމައަށް ކަރަންޓް ހިލޭ ދެނީ

އިންޑިއާގެ ވެރިރަށް ދިއްލީގައި 200 ޔުނިޓާ ހަމައަށް ހިލޭ ކަރަންޓް ފޯރުކޮށް ދޭން ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރީވާލް ނިންމައިފި އެވެ.
ޗީފް މިނިސްޓަރު އަރްވިންދް 200 ޔުނިޓާއި ހަމައަށް ކަރަންޓު ހިލޭ ފޯރުކޮށް ދޭން ނިންމާފައި ވަނީ އިލެކްޓްރިސިޓީ ރެގިއުލޭޓަރީ ކޮމިޝަނުން ކަރަންޓުގެ އަގު ހެޔޮ ކުރަން ނިންމާފައި ވަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ. އަރްވިންދުގެ އެ ނިންމެވުމަށް ދިއްލީގެ ޑެޕިއުޓީ ޗީފް މިނިސްޓަރު މަނިޝް ސިސޯޑިއާ ވެސް ވަނީ އެއްބާރުލުން ދެއްވާފަ އެވެ.
އެ ނިންމުމަށް ތައުރީފު ކުރައްވަމުން، ޑެޕިއުޓީ ޗީފް މިނިސްޓަރު މަނިޝް ވިދާޅުވީ، އިންޑިއާގެ ކޮންމެ ރައްޔިތަކަށް ވެސް ގަދަރުވެރި ދިރިއުޅުމެއް އުޅެވެން ޖެހޭނެ ކަމަށެވެ. އަސާސީ ހައްގުތަކުން މަހްރޫމުވެފައިވާ އެއްވެސް މީހަކު ހުރެގެން ނުވާނެ ކަމަށެވެ.
"ކޮންމެ އާއިލާއަކަސް ވެސް ގަދަރުވެރި ދިރިއުޅުމެއް އުޅެވެން ޖެހޭނެ، ސިއްހީ ފަރުވާ އާއި އުގެނުމުގެ ފުރުސަތު ވެސް ލިބެން ޖެހޭ، އެންމެ އަސާސީ ކަންކަން ކަމަށްވާ، ބޮކި ފަންކާ ބޭނުން ކުރެވެން ޖެހޭނެ" މަނީޝް ވިދާޅުވި އެވެ.
އިލެކްޓްރިސިޓީ ރެގިއުލޭޓަރީ ކޮމިޝަނުން ބުނި ގޮތުގައި ދިއްލީގައި މީހުން ދިރިއުޅޭ 4.9 މިލިއަން ގޭގައި ބޭނުން ކުރަނީ ޑޮމެސްޓިކް ކަރަންޓެވެ. އަލަށް އަމަލުކުރަން ފަށާފައިވާ ޓެރިފާއި އެއްގޮތަށް ކަރަންޓުގެ ހިދުމަތް ދޭން ފަށައިފިނަ ކަރަންޓު ބިލަށް ހޭދަ ކުރަން ޖެހޭ ވަރު ބޮނޑުތަނުން މަދުވާނެ ކަމަށް ވެސް ރެގިއުލޭޓަރީ ކޮމިޝަނުން ބުންޏެވެ.
ޗީފް މިނިސްޓަރު އަރްވިންދް 200 ޔުނިޓާއި ހަމައަށް ކަރަންޓް ހިލޭ ފޯރުކޮށްދޭން ނިންމާފައި މިވަނީ އަންނަ 2020 ގައި އިންޑިއާގެ އެސެމްބްލީ އިންތިހާބާއި ކައިރި ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ