ހަވީރު އޮންލައިން ވެސް ހުއްޓާލަން އަމުރު ކޮށްފި

ހަވީރު ނޫހުގެ އޮންލައިން އެޑިޝަންގެ މަސައްކަތް ވެސް ހުއްޓާލުމަށް، ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.
ސިވިލް ކޯޓުގެ އެންގުމުގައި ބުނެފައިވަނީ، މާޗު 31 ވަނަ ދުވަހު ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގެ ނަތީޖާ އާއި މަގްސަދު ގެއްލޭ ގޮތަށް ހަވީރު ނޫހާއި ހަވީރު ނޫސް އެޖެންސީގެ ނަމާއި ލޯގޯ އާއި އަދި "ހަވީރު" އަށް ނިސްބަތްވާ ގޮތަށް އެއްވެސް އެއްޗެއް ލިޔެ، ޝާއިއުކޮށް އަދި މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށް، އާންމު ކުރުން ފަދަ އެއްވެސް ކަމެއް ކުރާނަމަ ކުރަންވާނީ ސިވިލް ކޯޓުގެ އަމުރުގައިވާ ގޮތަށް ކަމަށެވެ.
ހަވީރު ނޫހުގެ އެއްވެސް ކަމެއް، ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުގޭ އިބްރާހީމް ރަޝީދު މޫސާގެ ބަހެއް ނެތްގޮތުގައި، ނުކުރުމަށް ހެންވޭރު ނީލްވިލާ ޑރ. މުހައްމަދު ޒާހިރު ހުސައިންއަށް އަންގާ ކަމަށް ސިވިލް ކޯޓުން ބުނެފައިވެއެވެ.
ހަވީރު ނޫހުގެ އޮންލައިން އެޑިޝަންގެ މަސައްކަތް ހުއްޓާލުމަށް ސިވިލް ކޯޓުން އެންގިއިރު، ހަވީރު ނޫހުގެ މިލްކުވެރިކަމާއި މެދު ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން، އަބްދުﷲ ފާޜޫޤް ހަސަން އާއި އިބްރާހީމް ރަޝީދު މޫސާގެ ބައިވެރިވުމެއް ނެތި، ހަވީރު ނޫސް ހިންގުން ވަގުތީ ގޮތުން ހުއްޓާލުމަށް ސިވިިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަމުރުކޮށްފައެވެ.
އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެއަމުރު ނެރުނީ އެ މައްސަލާގައި ދައުވާ ކުރާ ދެ މީހުންގެ 50 ޕަސެންޓް އޮތުމާއި މިހާރު ހަވީރު ހިންގާ މުހައްމަދު ޒާހިރު ހުސައިންގެ ހިއްސާ އޮންނަނީ 25 ޕަސެންޓަށް ވުމުން އެގޮތަށް އެދުނު މީހުންނަށް ލިބޭނެ ގެއްލުމަކަށް ބަލާފައި ކަމަށެވެ. އަދި ފާރޫގު ހަސަނާއި އިބްރާހީމް ރަޝީދު މޫސާ އަކީ ވަގުތީ އަމުރަށް އެދުުމުގެ ސިފަ ލިބިގެންވާ ދެމީހުން ކަމަށް ވެސް އަމުރުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ