ނަޝީދު އާއި ޖަމީލް ހައްޔަރުކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރެފި

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކަކާ ގުޅިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު، ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގެ އަމުރު, ކްރިމިނަލް ކޯޓުން ފުލުހުންނަށް ދީފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ރައީސް ނަޝީދު ހައްޔަރު ކުރުމުގެ އަމުރު ފުލުހުން ހޯދާފައިވަނީ ދެ މައްސަލައަކާ ގުޅިގެންނެވެ.
ފުރަތަމަ މައްސަލައަކީ، އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ، 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިފާހަގަ ކޮށްފައިވާ 1.8 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މައްސަލައިގެ ތަޙްޤީޤަށެވެ.
ދެވަނަ މައްސަލައަކީ، 13 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒް ކުރަމުން ދަނިކޮށް ބޭސްފަރުވާ އަށްކަމަށް ބުނެ، ރާއްޖެއިން ބޭރަށްގޮސް، ޙުކުމް ތަންފީޒް ކުރުމާ ދެކޮޅު ހަދައި، އަމިއްލަ ކަންކަމުގައި ދުވަސްތައް ހޭދަކޮށް، ޖަލުހުކުމް ތަންފީޒް ކުރަން ފިލައިގެން އުޅޭތީ ހައްޔަރު ކޮށްގެންވެސް ހާޒިރުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އެދިފައިވާތީ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޑރ.ޖަމީލް ހައްޔަރުކުރަން ފުލުހުން އަމުރު ހޯދާފައިވަނީ ތަޙްޤީޤަށް ހާޟިރު ކުރުމަށްޓަކައި ޗިޓް ހަވާލުކުރުމަށް ފުލުހުން މަސައްކަތްކުރި ނަމަވެސް، ރާއްޖެއިން ބޭރުގައި ހުރުމުގެ ސަބަބުން ޗިޓް ހަވާލުކުރެވިފައިނުވުމުގެ އިތުރުން، ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަޙްޤީޤަށް ޖަވާބުދާރީވެ ދިފާޢުގައި ވާހަކަދެއްކުމަށް ދިން 14 ދުވަހުގެ މުއްދަތުގައި، ފުލުހުންގެ އިދާރާއަށް ޖަމީލް ހާޒިރުވެފައި ނުވާތީ އާއި ހާޒިރު ނުވެވޭ ސަބަބެއްވެސް އަންގާފައި ނުވާތީ ތަޙްޤީޤު ފުރިހަމަ ކުރުމަށެވެ.
ރައީސް ނަޝީދާއި، ޖަމީލް ހައްޔަރުކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރެފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު މިވަގުތު ހުންނެވި ސްރީލަންކާގައެވެ. ޖަމީލް ހުންނެވީ އިނގިރޭސިވިލާތުގެވެ.
އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު، ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންނެވީ، އިދިކޮޅު އިއްތިހާދުގެ ބައްދަލުވުމަކަށް ކަމަށް މައުލޫމާތު ލިބެއެވެ. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް، ޖަމީލް ވެސް ލަންކާއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް ނަޝީދާއި ޖަމީލްއަށް ދާދިފަހުން، އިނގިރޭސިވިލާތުން ވަނީ ހިމާޔަތް ވެސް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ