މަސްތުވާތަކެތި ފެނިގެން ހައްސާން ކުށްވެރި ނުވާ ކަމަށްކުރި ހުކުމް ރަނގަޅު: ހައިކޯޓު

މުޖުތަމައުއަށް ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުނާ ގދ. ފަރެސްމާތޮޑާ، އަލި، ހައްސާން އަލީގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރުމަށް އަތުގައި ބެހެއްޓުމުގެ ކުށް ސާބިތު ނުވާ ކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.
މަސްތުވާތަކެތި ބޭނުން ކުރުމަށް ޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ދައުލަތުން ހައްސާން (ފޮޓޯގައި) މައްޗަށް ކުރީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްސާނާއި އޭނާގެ ކޮއްކޮށް ޣައްސާން އަލީ ހައްޔަރު ކުރުމަށް ފަހު އެމީހުން ދިރިއުޅޭ މ. ސައިބޯނިގަސްދޮށުގެ އަށް ފުލުހުން ގޮސް އެ ދެބެއިން ނިދާ ކޮޓަރި ފާސްކުރި އިރު އެ ކޮޓަރީގެ އަލަމާރިއެއްގެ މަތިން މަސްތުވާތަކެތީގެ ޕެކެޓުތަކެއް ފެނިގެންނެވެ.
ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އާއި އައްބާސް ޝަރީފް އަދި ޑރ. އަޒުމިރަލްދާ ޒާހިރު ސޮއިކުރައްވާ މިދިޔަ އާދީއްތަ ދުވަހު އިއްވެވި ހުކުމްގައި ބުނަނީ ހައްސާން ދިރިއުޅޭ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތިކަން ސާބިތުކުރުމަށް ބޭނުންވާ ކާފީ ހެކި ޝަރީއަތަށް ހުށަހެޅިފައި ނުވާތީ ހައްސާންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ޖިނާއީ ކޯޓުން ކުރި ހުކުމަށް ބަދަލުގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ.
"ޖިނާއީ ކޯޓުގެ ގަޒިއްޔާގައި ކުރައްވާފައިވާ ހުކުމަށް ބަދަލުގެންނަން ޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފީމެވެ،" ހައިކޯޓުގެ ހުކުމްގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ