އުސޫލެއްގެ ގޮތުން ޕާޓީތަކުގެ ނިންމުންތަކަކީ އެ ޕާޓީއެއްގެ ކައުންސިލުން ނިންމާ ކަމެއް ކަމުގައިވި ނަމަވެސް، ހުރިހާ ޕާޓީތަކުގެ މަޝްވަރާގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވާނެ ދެ މަންދޫބުންނަކީ ކޮބައިކަން އެ ޕާޓީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް އަމިއްލަފުޅަށް ނިންމެވުމާއެކު ޕީޕީއެމްގެ ތެރޭގައި ކުރިއްސުރެ ލާފައިވާ ރެނދު އިތުރަށް ފުޅާވެއްޖެއެވެ.
ރައީސް މައުމޫން ނިންމަވާފައިވާގޮތުން ޕާޓީތަކުގެ މަޝްވަރާގައި ޕީޕީއެމް ތަމްސީލުކުރައްވާނީ ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި، ރައީސް މައުމޫނުގެ ނިވަލުގައި ސިޔާސީ މައިދާނަށް ނުކުންނެވި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބުރާހީމްއެވެ.
ނަމަވެސް، ސަރުކާރުން ވަނީ އެފަދަ ނިންމެވުމެއް ނިންމަވާއިރު، ޕާޓީގެ ކައުންސިލުން ގޮތެއް ނިންމައިގެން ނަން ފޮނުއްވުމަށް އެދި ޕީޕީއެމް ގައި އެދިފައެވެ.
އެކަމަށް ރައްދުދެއްވައި، ރައީސް މައުމޫން ވަނީ އެކަން އެހެން ކުރެވެން ނެތް ކަމަށާއި، ޕާޓީގެ ކަންކަން ހިންގާނެ ގޮތާއި ނިންމަވާނެ ގޮތެއް އެނގިލައްވާނީ އެމަނިކުފާނަށް ކަން، ލިޔުމުން ސަރުކާރަށް އަންގަވާފައެވެ.
"ޕާޓީ ހިންގުމަކީ ޕާޓީގެ ރައީސްގެ މަސްޢޫލިއްޔަތަކަށްވާއިރު، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑަށް ލިބިފައިވާ އިހުތިޔާރުގެ ދަށުން، އަޅުގަނޑު ނިންމާފައި މިވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ޕީޕީއެމްގެ ފަރާތުން މިފަހަރު ބައިވެރިވެ ވަޑައިގަންނަވާނީ މިޕާޓީގެ ކައުންސިލް މެންބަރު އަލްއުސްތާޒު މުހައްމަދު ވަޙީދު އިބްރާހީމް އާއި ޕާޓީގެ މުއައްސިސު އަދި ކައުންސިލް މެންބަރު އަހުމަދު ފާރިސް މައުމޫން ކަމަށެވެ." - ރައީސް މައުމޫންގެ ނިންމެވުން ބަދަލުކުރެވެން ނެތްކަން ހާމަކުރައްވާ އެމަނިކުފާނު ސަރުކާރަށް ޖަވާބުދާރީވެ ވަޑައިގަތެވެ.
ރައީސް މައުމޫން އެގޮތަށް ވިދާޅުވިއިރު، ފާރިޝް މައުމޫނަކީ ޕީޕީއެމްގެ މެންބަރެއް ކަމަށް ޤަބޫލު ނުކުރައްވާ ގިނަ އަދަދެއްގެ މެންބަރުން އެ ޕާޓީގެ ކައުންސިލުގައި ތިއްބަވައެވެ. އޭގެ އިތުރުން، މެންބަރު ފާރިޝް މައުމޫނާއި މެންބަރު މުހައްމަދު ވަހީދު އިބުރާހީމަކީވެސް، ޕީޕީއެމްގެ މެންބަރުންގެ ނަމުގައި ތިއްބަވައިގެން، ފަހަކަށް އައިސް ސަރުކާރުގެ ސިޔާސަތުތަކާ އާންމުކޮށް ދެކޮޅު ހައްދަވާ ދެބޭފުޅުންނެވެ.
އެހެންކަމުން، ޕީޕީއެމްގެ ދެ ފެކްޝަނުގެ ދެމެދުގައިވާ ރެނދު މިފަހަރު އިތުރަށް ފުޅާވެގެން ދާނެކަމަށް މިވަނީ ބެލެވިފައެވެ.
ކައުންސިލް ބައްދަލުވުމެއް ބޭއްވެން ނެތްކަމަށް މައުމޫން ވިދާޅުވުމާއެކު ޕީޕީއެމްގެ ރެނދު ފުޅާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ