އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވި މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ އެސްއޯއެފް ކުންފުންޏަށް އެމްއެމްޕީއާރްސީ އިން ޖަމާކުރި ފައިސާގެ ތެރެއިން ބައެއް ފައިސާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ހަވާލުކޮށްފައި ވާނެ ކަމަށް އެސްއޯއެފް އިން ބުނާ ވާހަކަ ގާސިމް ދޮގު ކުރައްވައިފިއެވެ.
މީގެ އިރުކޮޅެއް ކުރިން "ވިލާ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ އެސްއޯއެފް އިން ދައްކާފައިވާ ވާހަކައިގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ލިބިވަޑައިގެންފައިވާ ކަމަށާއި އެކުންފުނިން ދައްކާފައިވާ ވާހަކައަކީ ފިތުނަ އުފައްދަން ދައްކާފައިވާ ވާހަކައެއް ކަމަށެވެ.
އެސްއޯއެފް އިން ގާސިމް އަށް ފައިސާ ދީފައިވާ ކަމަށް އެކުންފުނީގެ ޤާނޫނީ ވަކީލް ވިދާޅުވެފައިވާ ވިދާޅުވުން ދޮގު ކުރައްވާ ގާސިމް ވިދާޅުވީ "އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި ހަވާލާދީ އެގޮތައް ވަކީލް ބުންޏަސް އެއީ ދޮގެއް" ކަމަށެވެ.
ގާސިމް ވިދާޅުވީ އެސްއޯއެފް އިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ފައިސާ ދިން ކަމަށް ބުނާ ވާހަކަ ވެސް ގަބޫލު ކުރައްވަން ދަތި ކަމަށެވެ.
ގާސިމް ވިދާޅުވީ "އަޅުގަނޑާއި މެދު ހެދީ ކަނޑައެޅިގެން ދޮގެއް. އެހެންވީމަ ސަން ޓްރެވަލްސް އާއި ރައީސްގެ ދެކަނބަލުންގެ ވާހަކަ، ހާއްސަކޮށް ފައްފައްކޮށްފައި ރައީސްގެ ދެކަނބަލުންގެ ވާހަކަ ދައްކާއިރު ގަބޫލު ކުރަން މިހާރު ދަތިވެއްޖެ" ކަމަށެވެ.
ގާސިމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިން އަދީބު އަށް ނެއްޓެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
ގާސިމް މިއަދު ވިދާޅުވީ އޭނާ ސަރުކާރަށް ތާއިދު ކުރައްވަނީ ރަނގަޅު ކަންތައްތައް ފެންނަމުން ދާތީ ކަމަށެވެ.
"ގޯސްކޮށް ކަމެއް ގޮސްފިއްޔާ ސަރުކާރުގެ ބޭފުޅުންނަށް ދަންނަވާނަން. އަދި ޕަބްލިކަށް ނިކުނަން ޖެހޭ ހިސާބަށް ގޮސްފިއްޔާ ނިކުންނާނަން." ގާސިމް ވިދާޅުވިއެވެ.
މޮހޯގެ ކުންފުނިން ގާސިމް އަށް ފައިސާ ދިން ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ