ގާނޫނާ ހިލާފަށް ކޯނީ ރިޕޯޓް ދިރާސާ ކުރަނީ އަބްދުﷲ ޝާހިދުގެ ބެލުމުގެ ދަށުން: ޔާމީން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސް ޑރ. މުހައްމަދު ވަހީދު އުފެއްދެވި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނި) ރިޕޯޓް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ދިރާސާ ކުރަމުންދަނީ " ކަނޑައެޅިގެން ގާނޫނާ ހިލާފަށް " ކަމަށާއި އެކަން ކުރަމުންދަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބެލުމުގެ ދަށުން ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން ކޯނީގެ ރިޕޯޓް ދިރާސާ ކުރަމުންދަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބެއްލެވުމުގެ ދަށުން ކަމަށާއި އެކަމުގައި ސަރުކާރުން އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުން ގަބޫލު ނުކުރާ ކަމަށެވެ.
އަދި ވިދާޅުވީ ގާނޫނުއަސާސީގައި ވާ ގޮތުން އެފަދަ ކަމެއް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުމުގެ ބާރު ވެރިކަން އޮންނާނީ ރައީސުލް ޖުމްހޫރިއްޔާއަށް ކަމަށެވެ.
"އަބްދުﷲ ޝާހިދުގެ ބެލުމުގެ ދަށުން ކޯނީގެ ރިޕޯޓް ބަލާ ކޮމެޓީން އެ ކުރަނީ ކީއްތޯ. އަޅުގަނޑު ޕީޕީއެމްގެ ފަރާތުން ދަންނަވާނީ ކަނޑައެޅިގެން ޣައިރު ގާނޫނީ މަސައްކަތްތަކޭ އެ ކުރައްވަނީ. އެ މަސައްކަތެއް ނުކުރެވޭނެ،" ޔާމިން ވިދާޅުވި އެވެ.
ޔާމީން އިތުރަށް ވިދާޅުވީ ކޯނީ ރިޕޯޓް ދިރާސާ ކުރަމުންދާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ގަބޫލު ނުކުރާކަން މިދިޔަ ބުރާސްފަތި ދުވަހު ޕީޕީއެމްގެ ފަރާތުން ސަރުކާރަށް އަންގާފައިވާނެ ކަމަށެވެ.
"ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުގެ ހައިސިއްޔަތުން އަޅުގަނޑު ސަރުކާރުގައި ދަންނަވައިފިން ކޯނީގެ މަސައްކަތްކުރާ ކޮމެޓީއަށް ދައުލަތުން އެއްވެސް އެއްބާރުލުމެއް ދެއްވަން ޖެހިވަޑައެއް ނުގަންވާނެ އޭ. ދައުލަތް ހިނގާނީ ދައުލަތުގެ ބަންޑާރަ ނައިބު އަންގާ ގޮތެއްގެ މަތިން. ދައުލަތެއް ނުހިނގާނެ ރައްޔިތުން މަޖިލީހުގެ ކޮމެޓީއަކުން ބުނާގޮތަކަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކޯނީ ރިޕޯޓް ދިރާސާ ކުރަމުންދަނީ ގާނޫނާ ހިލާފަށް ކަމަށް ޕީޕީއެމްއިން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ވެސް އަންގާފައިވާނެ ކަމަށެވެ.
"މަޖިލީހުގެ ރައީސް އެބަ ޖެހޭ މަޖިލީހުގެ ޝަރަފް ހޯއްދަވައިދެއްވަން. މަޖިލީހުގެ ކަރާމަތް ދަމަހައްޓަން. މަޖިލީހުގެ ގާނޫނީވަންތަކަން ދަމަހައްޓަން އެބަޖެހޭ. މަޖިލީހުގެ ރައީސް އަކީ ދިވެހި ދައުލަތުގެ އެއް އެއްބާރު. މަޖިލީހުގެ ކަންކަން ނިންމަން ޖެހޭނީ ގާނޫނުއަސާސީއާ ގާނޫނީ ހުކުމްގެ ތެރެއިން،"
ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ކޯނީ ރިޕޯޓް ދިރާސާ ކުރުމަށް ކުރަމުންދާ މަސައްކަތަކީ ގާނޫނުއަސާސީއާ ހިލާފަށް ކުރަމުންދާ މަސައްކަތެއް ކަމަށް ޔާމީން ވިދާޅުވެފައިވާއިރު އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ކޮމެޓީގެ އެ މަސައްކަތުގައި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.
އެގޮތުން ކޯނީ ރިޕޯޓް ދިރާސާ ކުރުމަށްޓަކައި ކޮމެޓީއަށް ހާޒިރުކުރި ބޭފުޅުނާ ޕީޕީއެމްގެ ޕާލަމެންޓް މެންބަރުން ސުވާލުކުރައްވާފައިވާއިރު ކޯނީ ރިޕޯޓަށް އެކި ބޭފުޅުން ދީފައިވާ ބަޔާންތައް އެ ކޮމެޓީއަށް ފޮނުއްވާދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ދެވަނަ ފަހަރަށް އެދުމަށް ހުށަހެޅީ ވެސް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ