ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފި ނަމަ ރިޔާސީ އިންތިހާބުގައި ގިނަ ޕާޓީތަކަކާ އެކު ކޯލިޝަން ހައްދަވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ކެމްޕޭން ކުރައްވަމުން ގެންދަވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
~
ޕީޕީއެމްގެ ޕްރަމަރީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން އާޓިފިޝަލް ބީޗް ސަރައްހަދުގައި ރޭ ބޭއްވި ޖަލްސާގައި އުމަރު ނަސީރު ވިދާޅުވީ އެމްޑީޕީ ބަލިކުރަން ބޭނުންވާ ނަމަ ފުޅާ ކޯލިޝަނެއް ހަދަން ޖެހޭނެ ކަމަށާއި ޕީޕީއެމްގެ ޓިކެޓް ލިބިވަޑައިގެންފި ނަމަ އޭނާ އެކަން ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު "ސިއްސައިގެންދާ ވަރުގެ" ކޯލިޝަނަކަށް ވާނެ ކަމަށެވެ.
"އެކަނިމާއެކަކި ކަންކަން ކުރުމަކީ އެއީ މި ޒަމާނުގެ ހިޔާލެއް ނޫން. އެހެންވީމާ ތިޔަބޭފުޅުން ޕީޕީއެމްގެ ލީޑަޝިޕް އަޅުގަނޑަށް ދެއްވައިފިއްޔާ ފުޅާ ކޯލިޝަނެއް ﷲ އިރާދަކުރެއްވިއްޔާ ގާއިމު ކުރާނަން. މުހައްމަދު ނަޝީދު ސިއްސައިގެންދާވަރުގެ ކޯލިޝަނެއްގެ ތެރެއިން މި ގައުމުގެ ވެރިކަން އަޅުގަނޑުމެން ނަގާނަން،" ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވުމަށް ފަހު އެންމެ ފުރަތަމަ ރޭ ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްގައި އަކީ ބޮޑު ޕާޓީއަކަށް ވުމުން އެހެން ޕާޓީތަކާ އެކު ކޯލިޝަން ހެދުމަށް އިސްނަގައިގެން އަތް ދިއްކުރަން ޖެހޭ ކަމަށާއި އެހެން ޕާޓީތަކާ އެކު ގުޅިގެން މަސައްކަތް ކުރުމަކީ ޕީޕީއެމް ކުޑަ ވުމެއް ނޫން ކަމަށް ވެސް އުމަރު ވަނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑީއާރުޕީން އިތުރުބަޔަކާއި އެކު ކޯލިޝަން ނެހެދުން އެއީ "މިސްޓޭކެއް" ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެހެން ނޫން ނަމަ އެމްޑީޕީ އަށް ވެރިކަން ނުލިބުމަކީ ވެސް ވެދާނެ ކަމެއް ކަމަށެވެ.
"ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑީއާރުޕީން އެހެން ޕާޓީތަކާއި ދިމާލަށް އަތްދިއްކޮށް ކޯލިޝަނެއް ހެދިނަމަ ފަހަރެއްގައި މުހައްމަދު ނަޝީދަށް މިދިޔަ ތިން އަހަރު ވެސް ނުލިބިދިއުމަކީ ވެސް ވަރަށް އެކަށީގެންވާ ކަމެއް. އެދުވަހު ވެސް އަޅުގަނޑުމެން ހެދި ސްޓެޓިރިޖިކް މިސްޓޭކެއް އެއީ އެހެން ޕާޓީތަކާއި އެކު މަސައްކަތް ނުކުރިކަން އެއީ. ޕީޕީއެމް އެކަހަލަ މިސްޓޭކެއް ހަދައިގެން ނުވާނެ،" އިސްލާމިކް ޑިމޮކްރައިޓް ޕާޓީގެ ޓިކެޓްގައި ދެހާސް އަށް ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފައިވާ އުމަރު ވިދާޅުވި އެވެ.
ދެހާސް އަށް ވަނަ އަހަރުގެ ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ކޮށްފައިނުވާ އުމަރު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑީއާރުޕީން އެއްވެސް ބަޔަކާއި ކޯލިޝަން ނެހެދުން އެއީ މިސްޓޭކެއް ނަމަވެސް އެނާ އެކަން ތަކުރާރު ނުކުރައްވާނެ ކަމަށެވެ.
"ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަޅުގަނޑާ ހަވާލު ކުރައްވައިފިއްޔާމު އެ މިސްޓޭކެއް އަޅުގަނޑަށް ނަހަދާން. އަޅުގަނޑު މަސައްކަތްކުރާނީ އެހެން ޕާޓީތަކާއި ގުޅިގެން އެ މީހުނާއެކު ނިކުމެ މުހައްމަދު ނަޝީދު ބަލިކުރަން. އެކަނި މާއެކަނި ގޮސް ވެއްޓި ވެލި ކެވޭކަށް އަޅުގަނޑު ދަތުރެއް ނުކުރާނަން،"
އެމްޑީޕީ އަލުން ވެރިކަމަށް އައިސްދާނެ ކަމުގެ "ބިރު އެބައޮތް" ކަމަށާއި އެޕާޓީން ވެރިކަމަށް އަޔަނުދިނުމަށްޓައި ހިތްވަރާ އެކު މަސައްކަތްކުރާނެ ލީޑަރުން ބޭނުންވާ ކަމަށް ފާހަގަ ކުރައްވަމުން އުމަރު ވިދާޅުވެފައި ވަނީ އޭނާ އަށް ޕީޕީއެމް ޓީކެޓް ލިބިވަޑައިގެންފި ނަމަ އެ މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"އެމްޑީޕީ ވެރިކަމަށް އައުމުގެ ބިރު އެބައޮތް. އެމީހުން ގެންދަނީ ވަރަށް ރަނގަޅަށް އިންތިޒާމް ކުރަމުން. އެމީހުން އަތުގައި ފައިސާ ވެސް އެބަހުރި. އެމީހުންގެ ނުރައްކަލުން އަދި މިންޖެއްނުވޭ. މި ގައުމަށް ބޭނުންވާ ވަރުގަދަ ލީޑަރުން. އެއީ އެމްޑީޕީގެ ނުރައްކަލުން މި ގައުމު ސަލާމަތްވެ ނުނިމޭތީވެ އަދިވެސް. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާނީ ޕީޕީއެމްގެ އިންތިހާބުގައި އަޅުގަނޑަށް ވޯޓުދެއްވައިގެން ހޮއްވަވައިފި ނަމަ ތިޔަ ބޭފުޅުނަށް އަޅުގަނޑު ހާސިލް ކޮށްދޭނަމޭ،"
ޕީޕީއެމް ޕްރަމަރީގައި އުމަރު އާ ވާދަކުރައްވަނީ ރައީސް މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމިނެވެ.
ޕީޕީއެމް ޓިކެޓް ލިބިއްޖެ ނަމަ ފުޅާ ކޯލިޝަނެއް ހަދާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ